މާލޭގެ ހުރިހާ މަގުތަކެއްގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށް ކާނުތައް ސާފު ކުރުމަށް ނިންމަވާފައިވަކަމަށެވެ. އެ މަސައްކަތް ފަށްޓަވާނީ މާދަމާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ގިނަ މަގުތަކުގެ ކާނުތައް ކުނިބުނިން ފުރިބާރުވެ ފެން ނުހިނދެއެވެ.
ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަނީ ސިފައިންނާއި، ފުލުހުންނާއި، ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.
މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް 8 މާރިޗް 2025 އިން ފެށިގެން @MoCLPmv އިން ކުރިއަށް ގެންދާނެ.
— Adam Shareef Umar (@Adamshareefz) March 6, 2025
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާ މަސައްކަތަށްފަހު ޗައިނާގެ ތަޖުރިބާކާރުންގެ ޓީމުން ފީސިބިލިޓީ ރިޕޯޓެއް ހަދަމުންދާ ކަމަށާއި، މިއަހަރު ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢާއެކު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ތާރު އަޅައިގެން، ޔުޓިލިޓީ ޚިދުމަތްތަކަށް ފަސޭހަވާނެގޮތަށް ޢިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓަރ ނިޒާމާއި ފަޔަރ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.