ކުޅިވަރު

ވެޓެރަންސް ލީގު: ބޮޑު ތަފާތަކުން ޒެލޮޓް ބަލިކޮށް ހުއްރިއްޔާ ކުރިއަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި ތަފާތު ބޮޑު ނަތީޖާއަކުން ޒެލޮޓް ބަލިކޮށް، މުބާރާތުގައި ސެމީ ފައިނަލުގެ އުއްމީދު ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ބޮޑުކޮށްފިއެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ހުއްރިއްޔާއިން ކާމިޔާބުކުރީ 12-1 ގެ ނަތީޖާއަކުންނެވެ.

ބޯ ވިއްސާރައިގެ ތެރޭގައި ކުޅުނު މިމެޗުގަ ހުއްރިޔާގެ ސަމާއު ވަނީ ހެޓްރިކް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން އެ ޓީމުގެ އިސްމާޢީލް މުޙައްމަދު ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ހުއްރިއްޔާއިން ލަނޑު ޖަހަން ފެށިއިރު، ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން މައުސޫމް އަބްދުލް ޣަފޫރެވެ. ދެން ހުއްރިއްޔާއަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ނަސީރު އާއި، އަލީ ޝިހާމް އާއި، އިބްރާހީމް ސާގިބު އަދި އަބްދުﷲ އިބްރާހީމެއެވެ. މި މެޗުގައި ޒެލޮޓަށް ސުން ކަނޑުވާލަދިނީ ހިތްގައިމު ހިލޭ ޖެހުމަކުން އަޙްމަދު އަބްދުﷲ އެވެ.

މިއަދު ހޯދި ބޮޑު މޮޅާއެކު ހުއްރިއްޔާއިން ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ވިލިމާލެ ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އޮތް ދިވެހި ސިފައިންގެ ކުލަބެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.