ޚަބަރު

ފިޠުރު ޢީދުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ހެޔޮކަމުން ފުރިގެންވި މި ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާން އައުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އޯގާތެރިކަމާއި ޞަދަޤާތުގެ ރިވެތި ސިފައާއި ގުޅިގެން އިސްލާމް ދީނުގައިވާ އުނގަންނައިދިނުންތަކާ މެދު ވިސްނާނެ ދުވަހަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އިތުރު ފަހި ފުރުޞަތާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.