ޚަބަރު

ހިޔާލު ހޯއްދެވުމުގެ ޕޯލާއެކު ރައީސް މުޢިއްޒު ތާރީޚުގެ ތެރެއަށް


  • ރައީސް މުޢިއްޒުއަކީ ސޯޝަލް މީޑިއާގައި ހިޔާލު ހޯދުމުގެ ވޯޓަކަށް ހުޅުވާލި ފުރަތަމަ ރައީސް

މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފްވެގެންދިޔަ ހިސާބުން ވެރިކަން ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނި، ބައެއް ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތް ނުވަތަ އިހްތިޔާރުކުރާ ކަމެއް ވޯޓުގެ ސިފައިގައި ދަނީ ހާމަކުރަމުންނެވެ. ނަމަވެސް ރައްޔިތުންގެ ސީދާ ވޯޓެއް ނަގައިގެން ރައްޔިތުން ބޭނުންވާ ގޮތް ބަލަނީ ދައުލަތުގެ ބައެއް މަޤާމުތަކަށް މީހުން އިންތިހާބުކުރުމުގައި އެކަންޏޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މީގެކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިޔަނަމަވެސް، އެ ފަދަ ވޯޓެއް ރާއްޖޭގައި ނުނަގާތާ މިހާރު އެތައް އަހަރުތަކެއްވެއްޖެއެވެ.

ރައްޔިތުންގެ ވޯޓުން މަޤާމުތަކަށް ބޭފުޅުން އައްޔަންކުރިނަމަވެސް، ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކަށްވެފައި އޮންނަކަމަކީ މަޤާމުތަކަށް ބޭފުޅުން އިންތިހާބުކުރާ ހިސާބުން ރައްޔިތުންނާއި އޮންނަ ގުޅުން ކުޑަވާކަމުގެ ކަންބޮޑުވުމާއި ޝަކުވާއެވެ. ރައްޔިތުންގެ ވިންދާއީ ޝުއޫރު ހުރީ ކިހިނެތްތޯ ނުބަލާކަމުގެ ޝަކުވާއެވެ. އަދި ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބަލާވެސް ނުލައި ސިޔާސަތުތައް ކަނޑައަޅައި، އެ ރައްޔިތުންގެ މައްޗަށް އެ ސިޔާސަތުތައް ތަންފީޒުކުރާކަމުގެ ކަންބޮޑުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަޢާމަތާއި ޙަވާލުވެވަޑައިގަތުމަށް އެންމެ އިސްކަންދެއްވި އެއް މަސައްކަތަކީ ވެރިކަން ހިންގުމުގެ ނިޒާމާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާއި ގާތުން ވެރިކަންކުރެއްވުމަށްކަން އެމަނިކުފާނުގެ އަމަލުފުޅުން ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ސޯޝަލް މީޑިއާގައި ހުޅުވާލާފައިވާ ހިޔާލު ހޯދުމުގެ ވޯޓު ނުވަތަ ޕޯލްއަކީ އޭގެ އެއް މިސާލެވެ.

މި ތާރީޚީ ޕޯލަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.

ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި ހުށައަޅުއްވާ ގޮތްތަކަކީ:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތްގޮތަށް ބަލާއިރު ޤާނޫނެއް ފާސްކޮށްގެން މިކަން ކުރުމަކީ އެމަނިކުފާނަށް އުނދަގޫފުޅުކަމަކަށް ނުވާނެއެވެ. ނަމަވެސް މިކަމުގައި ރައްޔިތުން ދެކޭގޮތެއް ބެއްލެވުމަކީ ކިތަންމެ ބާރެއް ލިބިފައި އޮތްނަމަވެސް ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތުކަން ހާމަވާކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ހިޔާލު ހޯދުމުގެ ވޯޓަށް ހުޅުވާލުމުގެ އިތުރުން، މީގެކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސޯޝަލް މިޑިއާއާއި އެހެނިހެން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، އެކި ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތް ބެއްލެވުމަށް ފުރުސަތުތައް ހުޅުވާލައްވާފައެވެ. އެގޮތުން "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ފާހަގަކޮށްލެވޭއިރު، އެއީ ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ހުށަހެޅުއްވުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. އަދި އެ ސުވާލުތަކަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވާނީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. މި ސިލްސިލާއަށް ސުވާލު ފޮނުވަން މީގެކުރިން އޮތް ފުރުސަތު ހަނި ނަމަވެސް ރައީސް އޮފީހުން މިހާރު ވަނީ ސުވާލު ހުށަހަޅުއްވަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރައީސްގެ ޖަވާބު ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" ނަމުގައި މިދިޔަމަހު ޚާއްޞަ ޕޮޑްކާސްޓެއްވެސް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައެވެ. މީގެއިތުރުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި ގުޅިގެން ރައީސް އޮފީހުން ކުރިއަށްގެންދަވާ "އަހާ ފޯރަމް" އަކީވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދަވާ އަދި ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް މި ޕްރޮގްރާމްގައި ޖަވާބު ދެއްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވަޒީރުންނެވެ.

މި ސިލްސިލާ ޕްރޮގްރާމްތަކުގެ އިތުރުން، "ރައްޔިތުންގެ ގާތަށް" ޒިޔާރަތްކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވިފަހުން މިވީ މަދު ދުވަސްކޮޅުތެރޭގައިވެސް އެމަނިކުފާނު ވަނީ ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުމާއި، ހިޔާލާއި، އެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި، އުއްމީދީ ޖަވާބުތައް އެ ރައްޔިތުންނަށް އަރުވަމުންނެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާއި ވީހާވެސް ގާތުން، ރައްޔިތުންނާއި އެކީގައި ޚިދުމަތް ކުރަން ހުންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ސާބިތުކޮށްދެއްވަމުން ގެންދަވާކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.