ޚަބަރު

ޙައްޖު މޫސުމުގެ ކުރިން ޢުމްރާވެރިންނަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެވޭނެ ފަހު ތާރީޚަކީ އޭޕްރިލް 13


ބޭރު ޤައުމުތަކުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކޮށްފައިވާ ޢުމްރާވެރިން އޭޕްރިލް މަހުގެ 29ވަނަ ދުވަހުގެ ކުރިން ސަޢުދީ ޢަރަބިއްޔާއިން ބޭރުވާން ޖެހޭނެ ކަމަށް އެ ޤައުމުގެ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ. މިއީ ކުރިއަށް އޮތް ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުން އަޅާފައިވާ ފިޔަވަޅެކެވެ.

ޙާއްޖާއި ޢުމްރާއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޙައްޖު މޫސުމުގެ ކުރިން ޢުމްރާވުމަށް ޤަައުމުން ބޭރުގެ ޢުމްރާވެރިންނަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވެވޭނެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 13ވަނަ ދުވަސް ކަމަށެވެ. އޭޕްރިލް މަހުގެ 29ވަނަ ދުވަހުގެ ކުރިން ހުރިހާ ޢުމްރާވެރިން ވެސް ސަޢުދީ ޢަރަބިއްޔާއިން ބޭރުވާން ޖެހޭއިރު އެ ތާރީޚަށް ފަހު ސަޢުދީ ޢަރަބިއްޔާގައި ޢުމްރާވެރިން ތިބޭނަމަ އެއީ އެ ޢަމަލަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ޢަމަލެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ޢުމްރާވެރިންނާއި ޢުމްރާވެރިން ސަަޢުދީ ޢަރަބިއްޔާއަށް ގެންގޮސްދޭ ޖަމާޢަތްތަކުން އެ ތާރީޚުތަކަށް ސަމާލުކަން ދީ ޤަވާއިދާއި އިރުޝާދުތަކާ އެއްގޮތަށް ޢަަމަލު ކުރުމަށް އެ ބަޔާނުގައި ނަސޭޙަތްތެރިވެފައިވެއެވެ.

ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއިން އިތުރަށް ބުނީ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ޢުމްރާވެރިން ސަޢުދީ ޢަރަބިއްޔާއިން ބޭރު ނުވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޢުމްރާވެރިން ޤައުމުން ބޭރު ނުވެ ތިބި ނަމަ، އަދި އެކަން އެ ވުޒާރާއަށް ނާންގާ ނަމަ ގިނަވެގެން 100،000 ރިޔާލުން ޖޫރިމަނާ ކުރެވޭނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ދީފައިވެއެވެ.