ޚަބަރު

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާ ވެސް ހަރުކަށިކޮށްފި


އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވާ ކަން އެމެރިކާގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައި މި ވަނީ، އެ ކަން ކުރާނެ ކަމުގެ އިންޒާރު އެތަކެއް ފަހަރަކު ދިނުމަށް ފަހުއެވެ. އެމެރިކާގެ ބޭނުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ކަންކަމަށް އީރާން އެއްބަސްކުރުވުމަށް މަޖުބޫރު ކުރުވުމެވެ. ނަމަވެސް، އީރާނުން ދަނީ ޓްރަމްޕްގެ ފިއްތުންތަކަށް ބޯނުލަނބާނެ ކަން ފާޅުގައި ސާބިތު ކޮށްދެމުންނެވެ.

އެމެރިކާއިން މި ވަގުތު މަސައްކަތް ކުރަމުން ދަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރު ފޯރުވައި ކޮންޓުރޯލު ކުރުމަށެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ވަނީ ދަޢުވަތު ދެއްވާފައެވެ. އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އީރާނުން އެއްބަސްވެފައިވާ ކަމުގައި ޓްރަމްޕް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި، އޭޕްރިލް 12ވަނަ ދުވަހު އޮމާނުގައި ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް، އީރާނުން ބުނީ ސީދާ މަޝްވަރާތަކުގެ ބަދަލުގައި މެދުވެރިއެއްގެ އެހީތެރިކަމާ އެކު ވާހަކަ ދެއްކުމަށް ތައްޔާރުވެފައިވާ ކަމުގައެވެ.

އީރާނުން ބުނީ، އޮމާންގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އޮމާންގައި ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ.

މި ކަމާ މެދު ހިތްހަމަނުޖެހި، އެމެރިކާއިން މި ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އެ ޤައުމުގެ މާލީ ވުޒާރާއިން ބުނީ، އީރާނުގެ ފަސް ކުންފުންޏަކާއި އެއް މީހަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމުގައެވެ. އެއީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުނިތަކަކާއި މީހެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

"އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ކުރަމުންދާ ފަރުވާކުޑަ މަސައްކަތްތަކަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް، އަދި ސަރަހައްދީ ހަމަޖެހުމާއި ބައިނަލްއަޤުވާމީ ސުލްޙައަށް އޮތް ގޮންޖެހުމެއް،" އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވިއެވެ. ސަރަޙައްދީ ހަމަޖެހުމާއި ބައިނަލްއަޤުވާމީ ސުލްޙައޭ ވިދާޅުވެ އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ރައީސް ޓްރަމްޕެވެ.

އީރާނާ އެކު ފަށާފައިވާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ އެ ޤައުމަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް އޮތީ ދެއްވާފައެވެ. "[ވާހަކަތައް ފޭލުވެއްޖެ ނަމަ] ވަރަށް ނުރައްކާތެރި ފަށްތަރަކަށް އީރާން ވެއްޓޭނެ،" އެ ޤައުމަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް، އީރާނުން ބުނެފައި ވަނީ އެ ފަދަ އިންޒާރުތަކަށް ނުސިހޭނެ ކަމުގައެވެ.