ޔަހޫދީންގެ ނިރުބަވެރި ފައުޖުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، ފަލަސްޠީނު ވުޖޫދުން ފުހެވުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ.
އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ޔަހޫދީންގެ ފައުޖުތަކުން ރާވައިގެން ހިންގާ ޢަމަލުތަކަކީ، ޣައްޒާގައި ދިރުޅޫނެވޭނެ ޙަލަތެއް އުފައްދައިގެން، ފަލަސްޠީނު ވުޖޫދުން ފުހެވިދާނެ ފަދަ ޢަމަލުތަކެކެވެ.
އަދި މިއީ މުޅި ދުނިޔެ ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާއަށް ޢުދުވާނީ ޙަމަލާތަައް ދޭން ފަށައިފައެވެ. މެދުކެނޑުމެއްނެތި ގާތްގަނޑަކަށް 15 މަސް ދުވަސްވަންދެން ޙަމަލާ ދިނުމަށް ފަހު މިއަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަގުފަހިވި ނަމަވެސް މާރިޗު މަހުގެ 2 ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ތަކެތި ވެއްދޭނެ ދޮރުތައް ބަންދު ކޮށްފައެވެ.
އަދި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ހަނގުރާމަ ފެށުމަށް ފަހު މިއަދާ ހަމައަށް މިހާތަނަށް ޣައްޒާގެ 62،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
ޣައްޒާއަކީ 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއަކަށްވާއިރު ޣައްޒާއަށް ތަކެތި ވެއްދުން ހުއްޓިފައި އޮތުމުން ޢާންމުންގެ ޙާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރު ޣައްޒާއަށް ވެއްދި ކާބޯތަކެތި ވެސް މިހާރު ވަނީ ހުސްވެފައެވެ. ޢާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓި ކުރިން ޚިދުމަތް ދެމުންދިޔަ ބޭކަރީތައް ލައްޕައި، މާރުކޭޓުތައް ވަނީ ހުސްވެ ފަޅުވެފައެވެ.