ޚަބަރު

އެމެެރިކާއިން ޔަމަންގެ ޞަންޢާއަށް ބޮންއަޅައި ހަ މީހުން ޝަހީދުކޮށްލައިފި


އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ހަ މީހުން ޝަހީދުކޮށްލައި، ދޮޅަހަކަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލައިފިއެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ވައިގެ ޙަމަލާތައް ދީފައި ވަނީ ޞަންޢާ ޕުރޮވިންސަށެވެ. މިއީ، ޔަަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމުގައި ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކެކެވެ.

ޔަމަންގެ އަލް-މަސީރާ ޓީވީން ބުނީ، ޞަންޢާގެ އިތުރުން އަލް-ޖަވްފު ގަވަރުނަރޭޓުގެ އަލް-ޝަޢަފު އަވަށުގެ އަލް-ޔަތަމަތަށް ވެސް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވާ ކަމުގައެވެ. އެއީ، ޔަމަންގެ އުތުރުގައި އޮތް ސަރަޙައްދެކެވެ. މާރިޗު 15ވަނަ ދުވަހަށް ފަހު އެމެރިކާގެ އަސްކަރިއްޔާއިން ދަނީ މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް މި ފަދަ ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޔަމަންގެ ޢާންމުންނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ފޮނުއްވާފައިވާ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ހުއްޓުވުމަށް ޙޫޘީ ޖަމާޢަތުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެމެރިކާގެ އަސްކަރީ ހަތިޔާރުތަކަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ. މި ކެމްޕޭނުގެ ދަށުން، ޔަމަންގެ ޙުއްޖާ ގަވަރުނަރޭޓުގެ މަތިން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ޑްރޯނަކަށް ޙަމަލާދީ ވައްޓައިލާފައިވާނެ ކަމުގައި ޙޫޘީން ބުންޏެވެ. އެއީ، އެމްކިޔު-9 މަރުކާގެ ނުރައްކާތެރި ޑްރޯނެކެވެ. ނަމަވެސް، ޑްރޯނެއް ވައްޓައިލާފައިވާ ކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ޔަމަންގެ މަޞްދަރުތަކުން ބުނީ ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޔަމަންގެ ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ބައެއް ޢާއިލާތަކުގެ ހުރިހާ މެންބަރުން ހިމެނެއެވެ. ނަމަވެސް، ޝަހީދު ކޮށްލާފައިވާ، އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ފުރިހަމަ އަދަދުތައް ސާފެއް ނޫނެވެ.

ޔަހޫދީން ޙިމާޔަތް ކުރުމުގެ ނަމުގައި ޔަމަންގެ ޢާންމުން ޝަހީދު ކުރުން

މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޙޫޘީންގެ ކުށަކީ، ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ތެދުވުމެވެ. އެ ޖަމާޢަތުން ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށުމުންނެވެ. ޙޫޘީންގެ އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ބާރުއެޅުމެވެ.

ޙޫޘީން މި ވަގުތު ދަނީ ރަތް ކަނޑުގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި، އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް އަމާޒުކޮށް ނުރައްކާތެރި މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރާއި، ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. އެ ކަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޔަަމަނަށް ބޮންއަޅަން ފެށުމުން ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ޙޫޘީންގެ ޙަމަލާތައް 100އަށްވުރެ ގިނަ އުޅަނދަށް އަމާޒުކޮށްފައިވާއިރު، ޙަމަލާތަކުގައި ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވެސް ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، އޭޕްރިލް 13ވަނަ ދުވަހު ވެސް އިސްރާއީލުގެ ބަނދަރުމަތީ ރަށް، އިސްދޫދުގެ އިތުރުން ވެރިރަށް ތެލް އަވީވުގެ ބެން ގޫރިޔޮން ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް މިސައިލް ޙަމަލާތަކެއް ދީފައިވެއެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ބިރުން ތެޅިފޮޅިގަތެވެ. އަދި، ބިންގަރާސްތަކަށް ވަދެ ބޮނދިއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.