ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ އައު ހުށަހެޅުމަށް ޔަހޫދީން ހުށަހަޅައިފިއެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މިޞްރާއި ޤަޠަރުން ބުނީ ޔަހޫދީންގެ އައު ހުށަހެޅުންތައް ޙަމާސާ ހިއްސާ ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، ޙަމާސްގެ އިސް އޮފިޝަލުން ވަނީ ޔަހޫދީންގެ އައު ހުށަހެޅުންތަކަށް އެ ޖަމާޢަތުން އެއްބަސްވުމުގެ ފުރުޞަތު ހަނި ކަން ހާމަކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,500އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމާ ގުޅޭ އައު ހުށަހެޅުންތަކެއް ޔަހޫދީން ހުށަހަޅާފައިވާއިރު، ޙަމާސުން ބުނީ އެ ހުށަހެޅުންތައް ދިރާސާ ކުރަމުންދާ ކަމުގައެވެ. އަދި، ވީ އެންމެ އަވަހަކަށް އެ ހުށަހެޅުންތަކަށް ޖަވާބުދޭނެ ކަމުގައެވެ. މިޞްރާއި ޤަޠަރުގެ މަޞްދަރުތަކުން ވެސް ބުނީ، ޙަމާސްގެ ޖަވާބެއްގެ އިންތިޒާރުގައި ތިބި ކަމުގައެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގައި ޙަމާސުން ހުށަހަޅާފައިވާ މައިގަނޑު ދެ ޝަރުޠުގެ ތެރޭގައި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމާއި، ޣައްޒާއަށް ވެރިވެގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުން ހިމެނެއެވެ. ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒަހްރީ ވިދާޅުވީ، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުން ޔަހޫދީންގެ އައު ހުށަހެޅުމުގައި ހިމަނާފައި ނުވާ ކަމުގައެވެ.
މަޞްދަރުތަކުން ބުނީ، ހަތިޔާރު ބަހައްޓައި، ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް ނިމުމެއް ގެނައުމަށް ޔަހޫދީން ޙަމާސަށް ހުށަހަޅާފައިވާ ކަމުގައެވެ. އަބޫ ޒަހްރީ ވިދާޅުވީ، ހަތިޔާރު ތިރިކޮށް، ފަލަސްޠީނުގެ މިިނިވަން ކަމަށް ކުރަމުންދާ ޖިހާދު ހުއްޓައިލުމަށް އެ ޖަމާޢަތުން އެއްބަސްނުވާނެ ކަމުގައެވެ. "ޙަމާސްގެ ހަތިޔާރު ޙަވާލު ކުރުމަކީ އެތަކެއް މިލިޔަން ރަތް ރޮނގެއް ހުރަސް ކުރުން، އެއީ ވިސްނާނެ ވެސް ކަމެއް ނޫން، އަދި މަޝްވަރާ ކުރެވޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރުގެ ޤާހިރާގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް ނިމިގެން ދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ. ޙަމާސުން އަދިވެސް ބުނަމުން ދަނީ، ކުރިން އަމަލު ކުރަން ފެށި އެއްބަސްވުމުގައި ކަންކަމަށް އިޙުތިރާމު ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އައު ޝަރުޠުތައް ހުށަހަޅައި، އެއްބަސްވުމަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންނެވެ.