މިހާރު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދިރާސާ ކުރަމުންދާ ކުޅިވަރު ގާނޫނުގެ ބިލުގައި ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ ބައި ޖަމުއިއްޔާތަކުގެ ގާނޫނުން އުނިކުރުމަށްފަހު ހިމަނަން ނުފެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ކުޅިވަރު ގާނޫނުގެ ބިލާ ގުޅޭ ގޮތުން މެންބަރުން އޭޖީ އޮފީހުގެ ލަފައަކަށް އެދިފައިވާ ކަންކަމުގެ ތެރެއިން ޖަމުއިއްޔާތަކުގެ ގާނޫނާއި ކުޅިވަރު ގާނޫނާއި ހުރި ފުށޫ އެރުންތަކާއި ގުޅޭ ގޮތުން ބަންޑަރަނައިބު އޮފީހުގެ ފަރާތުން ވިދާޅުވީ މިހާރު އޮތީ ކުރީގެ ޖަމުއިއްޔާތުގެ ގާނޫނެއް ނޫން ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވީ ސީނިއާ ސްޓޭޓް، އަލްއުސްތާޒު އަލީ ހުސެއިން އެވެ. އޭނާ ވިދާޅުވީ މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުންގެ ވިސްނުމަކީ ކުޅިވަރާއި ގުޅޭ ހުރިހާ ޖަމްއިއްޔާގެ ރެޖިސްޓްރޭޝަންގެ ހުރިހާ ކަމެއްވެސް އަންނަން ޖެހޭ ކުޅިވަރު ގާނޫނުގެ ދަށަށް ކަމަށް ފާހަގަ ކުރައްވާ އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ އެއީ އެންމެ އެދެވޭ ހައްލެއް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އެ ގާނޫނު އެއްކޮށް އިސްލާހުވެގެން، ޖަމުއިއްޔާތައް ރަޖިސްޓްރީ ކުރުމާއި ނަންކިއުމާއި ހިންގާ ކޮމިޓީ އެކުލަވާލުމާއި ޖަލްސާތައް ބޭއްވުމުގެ ހުރިހާ ކަމެއް ހިމެނިގެން މިހާރު އޮންނާނީ ވަރަށް ތަފްސީލީ އާ ގާނޫނެއް" ކަމަށް 2023 ގައި އިސްލަހު ކުރެވުނު ގާނޫނަށް އިޝާރާތް ކުރައްވާ ބަންޑާރަނައިބު އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
"އެއީ އެގޮތަށް ހަމަޖައްސާނަމަ އަނެއްކާވެސް ކުޅިވަރު ގާނޫނުގައި، ޖަމްއިއްޔާތަކުގެ ގާނޫނުގައި އެއޮތް މިންވަރަށް ހަމަ ކުޅިވަރު ޖަމްއިއްޔާތައް ރެގިއުލޭޓް ކުރުމާއި ގުޅޭ ހުރިހާ ކަމެއް ހިމަނަން ޖެހޭނެ. އެހެން ވެއްޖެ ކަމަށްވާނަމަ ވަރަށް ބޮޑު ތަކުރާރުވުމެއް އެ އަންނަނީ" އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ވިސްނުމަކީ ކުޅިވަރު ޖަމްއިއްޔާތައްވެސް ރަޖިސްޓްރީކުރުމުގެ ހުރިހާ ކަމެއް ކުރަންވާނީ ޖަމުއިއްޔާތަކުގެ ގާނޫނުގެ ދަށުން ޖަމުއިއްޔާތަކުގެ ރަޖިސްޓްރާއަށް ހުށަހަޅައިގެން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
"ބިލްގައިވާނެ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ ވާނެއޭ ކުޅިވަރާއި ބެހޭ ޖަމްއިއްޔާތަކުގެ ކަންކަން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން އެކުލަވާލަން. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރެއް އޮވެގެން ހަގީގަތުގައި ޖަމްއިއްޔާތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ" ބަންޑާރަނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް، އަލްއުސްތާޒު އަލީ ހުސެއިން ވިދާޅުވިއެވެ.