ފަލަސްޠީނުގެ ޣައްޒާގައި ފުރިހަމައަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހަސްފަތާލަށް ޔަހޫދީ ފައުޖުން ދިން "ބިރުވެރި" ޙަމަލާ، އދ.ގެ ވެރިޔާ އެންޓޯނިޔޯ ގުތެރޭސް ކުށްވެރިކުރައްވައިފިއެވެ.
ގުތެރޭސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ވެސް، ބަލި މީހުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި ހަސްފަތާލު ފަދަ ސިއްޙީ ފަރުވާދޭ މަރުކަޒުތަކަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްކާތެރިކޮށް ހިމާޔަތްކުރަންޖެހޭ ތަންތަނެވެ.
ޣައްޒާގެ އުތުރުގައި ހުރި އަލް-އަހްލީ ޢަރަބި ހަސްފަތާލަށް ދިން ޙަމަލާއާ އެކު މިހާރު ވެސް ސިއްޙީ ފަރުވާ ދިނުމަށް ދަތިވެފައިވާ ޣައްޒާއަށް އިތުރު ބިރުވެރިކަމާއި ހިތްދަތިކަން ކުރިމަތިވެފައިވާކަމަށް ވެސް ގުތެރޭސް އާ ޙަވާލާ ދެއްވައި ތަރުޖަމާނު ވިދާޅުވިއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ހަސްފަތާލުގެ އިމާރާތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި، ކުއްލިހާލަތުގެ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ އެމަރޖެންސީ ސަރަޙައްދާއި ރިސެޕްޝަން ސަރަޙައްދު ހިމެނެއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޙަމަލާއަށް ފަހު އެ ހަސްފަތާލު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި، އެ ތަނުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި، ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ހަސްފަތާލަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފަސްވަނަ ފަހަރެވެ.
ޣައްޒާގައި މި ވަގުތު ހިންގަމުންދާ މަދު ހަސްފަތާލުތަކުގެ ތެރޭގައި ހިމެނޭ އަލް-އަހްލީއަކީ ދުވާލެއްގެ މައްޗަށް 1,000އަކަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ މުހިންމު މަރުކަޒެކެވެ. އޭގެ ތެެރޭގައި ގިނައީ، ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނެވެ.