ކުޅިވަރު

ވީއޭއެމް ކަޕް: އުނދަގޫ މޮޅަކަށްފަހު ޗެމްޕިއަން ވެމްކޯ ފައިނަލަށް


ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލް ތިންވަނަ މެޗު އުނދަގުލުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ވެމްކޯ މޮޅުވީ ހުރާ ކޮމިއުނިޓީ ކުލަބު އަތުން 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ހުރާ ޒުވާން ޓީމުން ގެންދިޔައީ އިތުބާރާއެކު 25-18 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ވެމްކޯ އިން ކުޅުން ރަނގަޅުކޮށް ހަމަ އެނަތީޖާ އިން އެ ސެޓް ކާމިޔާބުކުރިއެވެ. މެޗުގެ ތިންވަނަ ސެޓުގައި ހުރާ ޓީމުން ފެނުނީ ތަފާތު މޮޅަށް ކުޅުނުތަނެވެ. ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓު ހުރާ ގެންދިޔައީ 26-24 އިންނެވެ.

މެޗު ހަތަރުވަނަ ސެޓަކީ އެންމެ ފޯރަގަދަކޮށް ފެނުނު ސެޓެވެ. ސެޓުގެ ބޮޑުބައެއް ހުރާ ޓީމުން ލީޑު ކުރިއިރު މެޗު ނިންމަން ވެސް ހުރާއަށް ފުރުސަތު ލިބިގެންދިޔައެވެ. އެހެންނަމަވެސް ވެމްކޯގަ ތިބި ތަޖުރިބާކާރު ކުޅުންތެރިން ފައިދަ ނަގާ ފަހަތުން އަރައި ކުރި ހޯދާ 26-24 ހަތަރު ވަނަ ސެޓް ވެމްކޯ އިން ކާމިޔާބު ކުރިއެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ތަފާތަކަށްވީ ވެމްކޯގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނެވެ. މިސެޓު ވެމްކޯ ގެންދިޔައީ 15-10 ނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕައޮވަނާއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮއްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ދެޓީމުގެ ކޯޗުން ވެސް އެންމެ ބޮޑަށް ފާހަގަކުރީ ތަޖުރިބާގެ ވާހަކައެވެ. ހުރާ ޓީމުގެ ކޯޗު މުހައްމަދު ނަދީމް ބުނީ ޓީމުގައި ތިބި ކުޅުންތެރިން ޒުވާން ކަމުން ޕްރެޝަރު ދަނޑިވަޅުތަކުގައި ބުނާނެ އެއްޗެއް ނޭގުނު ކަމަށެވެ. އެހެންނަމަވެސް ކުޅުންތެރިން ކުރި ހިއްވަރަށް ސާބަސް ދެމުން ނަދީމް ބުނީ މި ލިބުނު ތަޖުރިބާގެ އަލީގާ ލީގަށް ނުކުންނައިރު ކަންކަންވަރަށް ބޮޑަށް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހުވެސް ކުރާނީ އެ މަސައްކަތް ކަމަށެވެ.

ކުލަބް ވެމްކޯގެ ކޯޗު އަހުމަދު އަދީލް ބުނީ މެޗުން މޮޅުވުން ހުރާ ޓީމަށް ހައްގުކަމަށާއި ހުރިހާ ގޮތަކުން ބެލިކަމުގަވިޔަސް ހުރާ ޓީމު ތަފާތު ކަމަށެވެ. މިއީ އުނދަގުލުން ހޯދި މޮޅެއް ކަން ފާހަގަކުރަމުން އަދީލް ބުނީ ފައިނަލަށް ނުކުންނައިރު އެންމެ ބޮޑަށް މަސައްކަތް ކުރާނީ ކުޅުންތެރިންގެ ފިޓްނަސްއަށް ކަމަށެވެ.

މިރޭގެ މެޗަށް ފަހު މުބާރާތުގެ ތިންވަނަ ހޯދި ހުރާޓީމަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. މުބާރާތުގެ ފައިނަލްގައި މާދަމާރޭ ވެމްކޯ ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. މި މުބާރާތުގެ ވެމްކޯ ވަނީ ދެވަނަ ސެމީގަ ޕޮލިސް އަތުން ބަލިވެފައެވެ.