އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންތަކެއް ކޯޓުގެ ޙުރުމަތް ކަނޑާފައިވާ މައްސަލައިގައި އެ މީހުންނަށް ޖިނާޢީ ދަޢުވާއަކާ ކުރިމަތިލާން ޖެހުމުގެ ފުރުޞަތު އޮތް ކަމުގައި ވޮޝިންގޓަންގެ ކޯޓެއްގެ ފަނޑިޔާރަކު ހާމަކުރައްވައިފިއެވެ. ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންތަކެއް ކޯޓުގެ ޙުރުމަތް ކަނޑާފައި ވަނީ، އެމެރިކާގައި ދިރިއުޅެމުން ދިޔަ ބަޔަކު ހައްޔަރުކޮށް، އެލް ސަލްވަޑޯއަށް އަރުވައިލުމަށް ކުރަމުން ދިޔަ މަސައްކަތްތައް މެދުކަނޑައިލުމަށް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވެގެންނެވެ.
އެމެރިކާ ސަރުކާރުން ބުނީ އެލް ސަލްވަޑޯއަށް އަރުވައިލައި، އެ ޤައުމުގައި ހުރި ޖަލެއްގައި ބަންދު ކޮށްފައި ވަނީ ވެނެޒުއެލާގެ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ ބަޔެއް ކަމުގައެވެ. އެ މީހުން އަރުވައިލުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލުމަށް އެމެރިކާގެ ކޯޓަކުން ޙުކުމް ކޮށްފައި ވަނީ މާރިޗު 15ވަނަ ދުވަހުއެވެ. އެ މީހުން އަރުވައިލާފައި ވަނީ 1798ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުންނެވެ. އެއީ، އެމެރިކާއަށް ނުޤަވާޢިދުން ހިޖުރަ ކޮށްފައިވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަރުކާރަށް ލިއްބައިދޭ ޤާނޫނެކެވެ.
ވޮޝިންގޓަންގެ ޑިސްޓްރިކްޓް ކޯޓެއްގެ ފަނޑިޔާރު ޖޭމްސް ބޯސްބަރގް ވިދާޅުވީ، އެ ކޯޓުގެ އަމުރާ ޚިލާފަށް ވެނެޒުއެލާގެ ގިނަ އަދަދެއްގެ ބަޔަކު އެލް ސަލްވަޑޯއަށް އަރުވައިލުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމަށް ހިންގާފައިވާ ޖިނާޢީ ކުށެއް ކަމުގައެވެ. އަދި، އެ ކަމުގައި ޝާމިލުވެފައިވާ ސަރުކާރުގެ އޮފިޝަލުންނާ ދެކޮޅަށް ޖިނާޢީ ކުށެއްގެ ދަޢުވާ އުފުލުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމުގައެވެ.
ޓްރަމްޕްގެ ސަރުކާރުން އަރުވައިލާފައި ވަނީ ކުށްކުރާ އެއްވެސް ގުރޫޕަކަށް ނިސްބަތްވާ ބަޔެއް ނޫން ކަމުގައި އެ މީހުންގެ ޢާއިލާތަކާއި، ޤާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. އަދި، އެއީ ޤަވާޢިދުން އެމެރިކާގައި ދިރިއުޅެމުން ދިޔަ ބަޔެއް ކަމަށާއި، އެ ކަން ސާބިތުކޮށްދިނުމަށް އެމެރިކާ ސަރުކާރުން އެ މީހުން އެއްވެސް ފުރުޞަތެއް ދީފައި ނުވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ. އެ މީހުން އަރުވައިލަން ކުރަމުން ދިޔަ މަސައްކަތްތައް މެދުކަނޑައިލުމަށް ކޯޓުން އަމުރު ކޮށްފައި ވަނީ، އެ މީހުންގެ ޤާނޫނީ ހައިސިއްޔަތު ސާބިތުކޮށްދިނުމަށް ފުރުޞަތު ދިނުމަށް ސަރުކާރަށް ގޮވައިލުމަށް ފަހުއެވެ.
ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ ކަމަށް އޭނާ ޤަބޫލު ކުރައްވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެ ކެމްޕޭނުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، އަރުވައިލާފައިވެއެވެ. މި މައްސަލައިގައި ޓްރަމްޕްގެ ސަރުކާރާއި އެ ޤައުމުގެ ޝަރުޢީ ދާއިރާއާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
ފަނޑިޔާރު ބޯސްބަރގް ވިދާޅުވީ، މި މައްސަލައިގައި ޤާނޫނަށް ތަބާވުމުގެ ފުރުޞަތު ޓްރަމްޕްގެ ސަރުކާރަށް އަދިވެސް އޮތް ކަމުގައެވެ. މި ގޮތުން، ނުޤަވާޢިދުން ހިޖުރަ ކޮށްފައިވާ ކަމާއި ކުށްކުރާ ގުރޫޕުތަކަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި މީހުންނަށް، އެ މީހުންނާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކުން ބަރިއްޔަވުމުގެ ފުރުޞަތު ދިނުން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ސަރުކާރުން ޤަވާޢިދާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްްކަތްތައް ކޯޓަށް ސާފުކޮށްދިނުމަށް ފަނޑިޔާރު ބޯސްބަރގް ވަނީ އޭޕްރިލް 23ވަނަ ދުވަހާ ޖެހެންދެން މުހުލަތު ދެއްވާފައެވެ. އަދި، ކޯޓުގެ ޙުރުމަތް ކެނޑުމުގައި ބައިވެރިވެފައިވާ ސަރުކާރުގެ ހުރިހާ އޮފިޝަލުންގެ މަޢުލޫމާތު އެ ސުންގަޑީގެ ކުރިން ކޯޓާ ހިއްސާ ކުރުމަށް ވެސް އޭނާ ވަނީ އަމުރު ކުރައްވާފައެވެ.
ފަނޑިޔާރު ބޯސްބަރގްގެ އަމުރަކީ ސަރުކާރުގެ ބާރުތަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ޤަބޫލު ކުރާ ކަމުގައި ޓްރަމްޕްގެ ސަރުކާރުން ބުންޏެވެ. ވައިޓް ހައުސްގެ މުއާޞަލާތާ ބެހޭ ޑިރެކްޓަރ ސްޓީވަން ޗަންގ ވިދާޅުވީ، ފަނޑިޔާރުގެ އަމުރު އިސްތިއުނާފުކޮށް، އެ ކަމަށް ޝަރުޢީ ޙައްލެއް ހޯދާނެ ކަމުގައެވެ. އެމެރިކާގެ ޝަރުޢީ ދާއިރާގެ ތަރުޖަމާނު ބުނީ، ސަރުކާރުގެ ޒިންމާތަކާއި ބާރުތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރު ބޯސްބަރގް މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ މައްސަލައާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.