ޚަބަރު

އީރާނުގެ ނިޔުކްލިޔަރ ކާރުޚާނާތަކަށް ޙަމަލާދިނުމުގެ ވިސްނުން ޔަހޫދީން ދޫނުކުރޭ


އީރާނުގެ ނިޔުކްލިޔަރ ކާރުޚާނާތަކަށް ޙަމަލާދިނުމަށް އެމެރިކާއިން ތާޢީދުނުކުރާނެ ކަމަށް ބުނެފައިވީނަމަވެސް، އެފަދަ ޢަމަލެއް ހިންގުމުގެ ހީލަތްތެރި ވިސްނުން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އަދިވެސް ދޫކޮށްނުލާކަން އެނގިއްޖެއެވެ.

ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނެތިކޮށްލަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއަށް އިންތިހާއަށް ޕްރެޝަރު ކުރަމުންނެވެ.

އަދި އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން އީރާނާ އެކު މިހާރު ފަށާފައިވާ މަޝްވަރާތަކުގައި އާޚިރު ނަތީޖާއަކަށް ވާންޖެހޭނީ، އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ދޫކޮށްލުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބައެއް މަސްދަރުތަކާ ޙަވާލާދީ 'ރޮއިޓަރސް' ނޫހުން ބުނި ގޮތުގައި، އީރާނުގެ ކާރުޚާނާތަކަށް ޙަމަލާދީނުމުގެ އެތަކެއް ޕްލޭންތަކެއް އިސްރާއީލުން ވަނީ އެމެރިކާއަށް ހުށަހަޅައިފައެވެ.

އޭގެ ބޭނުމަކީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނައްތާލުމެވެ.

ނަމަވެސް، އެމެރިކާއިން ވަނީ އިސްރާއީލުގެ އެ ހުށަހެޅުންތަކަށް އިޖާބަދޭން ދެކޮޅު ހަދައިފައެވެ.

ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި، ބާރުގަދަ އެހެން ޤައުމުތަކާއެކު އީރާނުން ހަދާފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ ޚިލާފުވެވަޑައިގެން، އީރާނަށް ކުރާ ޕްރެޝަރު މަތިކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.

އޭގެ ރައްދުގައި، އީރާނުން ވަނީ ނިޔުކްލިޔަރ ހަކަތަ އުފައްދަން ބޭނުންވާ ޔުރޭނިޔަމް މުއްސަނދިކުރުމުގެ ދުވެލި އެތައް ގުނައެއް އަވަސްކޮށްފައެވެ.

ދެވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، ޓްރަމްޕް ވަނީ، ފުރަތަމަ ވެރިކަމުގައި ގެންގުޅުއްވި ހަރުކަށި ސިޔާސަތު އަލުން އިޔާދަކޮށް، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އިސްރާއީލުން އެދެމުންދާ ގޮތާ ޚިލާފަށް، ޓްރަމްޕް އަދިވެސް ހުންނެވީ މަޝްވަރާކޮށްގެން މި ކަމަށް ހައްލެއް ހޯއްދެވުމުގެ ނިޔަތުގައެވެ.

މިގޮތުން، ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިމުންދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ އިރު ދެވަނަ ބުރު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ތަކުރާރު ކުރައްވައިފައެވެ.