ކުޅިވަރު

މެސީގެ އިންޓަރ މައާމީ، ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު


އެމެރިކާގެ މޭޖަރ ލީގު ސޮކާ އެމްއެލްއެސް ސީޒަން ފެށިގެން 8 މެޗު ކުޅުނު އިރު މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ ޝަރަފް މެސީގެ އިންޓަރ މައާމީ ހޯދައިފިއެވެ.

ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ މަގާމް އިންޓަރ މައާމީ ހޯދީ ދެން ލީގުގައި ބަލިނުވެއޮތް ޓީމު ކަމުގައިވަ ކޮލަމްބަސް ކްރޫގެ މައްޗަށް ރޭގެ މެޗުގައި ކުރި ހޯދައިގެންނެވެ.

ކޮލަމްބަސް ކްރޫގެ ރަސްމީ ދަނޑުގެ ބަދަލުގައި ބޮޑު ދަނޑަކަށް މިމެޗު ބަދަލުކޮށް 60 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުން އިންޓަރ މައާމީ ކުރި ހޯދީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މައާމީއަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ކްރެމަޝީއެވެ.

ކޮލަމްބަސް ކްރޫގެ ހޯމް މެޗު އެޓީމުގެ ރަސްމީ ދަނޑުގެ ބަދަލުގައި އެން.އެފް.އެލްގެ ކްލީވްލެންޑް ބްރައުންސްގެ ދަނޑަށް ބަދަލުކުރީ މެސީ ކުޅޭތަންބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވައްނާނެތީއެވެ.

އިންޓަރ މިއާމީ މިވަގުތު އޮތީ ކުޅުނު 8 މެޗުން 18 ޕޮއިންޓާއެކު އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސްގެ 3 ވަނާގައެވެ. އިންޓަރ މައާމީ ވަނީ ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުކޮށް 3 މެޗުން އެއްވަރު ވެފައެވެ.

އީސްޓަން ކޮންފަރެންސްގެ އެއްވަނާގައި އޮތް ޝާލެޓް އެފް.ސީ އާއި ސިންސިނާޓިއަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި މެސީ އަތުން ބަލިވި ކޮލަމްބަސް ކްރޫވެސް އޮތީ 18 ޕޮއިންޓާއެކު މިއާމީގެ ފަހަތުން ލީގު ތާވަލްގެ 4 ވަނާގައެވެ.