ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިނގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ތެދުވެ، ފިޔަވަޅު އެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ދައްކަވާފައިވަނީ ދުނިޔެއިން މަދުން ނޫނީ ނުފެންނަފަދަ ލީޑަރޝިޕެއްކަަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުން ތަންފީޒުކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ރާއްޖެއިން ނިންމީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް، އެކަމަށް ތައުރީފު ކުރަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޔަހޫދީންނާއި ދެކޮޅަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅުއްވި ފިޔަވަޅު ފާހަގަކޮށް، ޢެކި ފަރާތްތަކުން ސަރުކާރަށް ތައުރީފް ކުރަމުންދާއިރު، އޭގެތެރޭގައި ފަލަސްތީނުގެ މަސްރަހު ދިރާސާކުރުމުގަޢި ހަރަކާތްތެރިވާ ތަޖުރިބާކާރުންވެސް ހިމެނެއެވެ. މިގޮތުން ޢިންސްޕައިރޯވެއްލާއަކީ ފަލަސްތީނުގެ މައްސަލައިގެ ތަފްސީލީ ދިރާސާތަކާއި އެ މައްސަލައިގެ ތެރެއިން ފާހަގަވާ މުހިއްމު ވާހަކަތަކާއި ހަބަރުތައް ގެނެސްދޭ ސޯޝަލް މީޑިޔާ ޗެނަލެކެވެ. އެތައް މިލިއަން ބަޔަކު އެ މީހުން ވީޑިއޯތައް މިހާތަނަށް ބަލާފައިވާއިރު އެ ޗެނަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުމަށް އެކި ނަޒަރިއްޔާތުތަކުން ބަލަޢި، ދިރާސާކޮށްފައެވެ.
ޢިންސްޕައިރޯވެއްލާއިން ފާހަގަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމެވި ނިންމެވުމަކީ އެެހެން ގައުމުތަކުން އެކަމާއި"އަޅާނުލާ" އޮވޭ ވަރަށްވުރެ ބޮޑު ނިންމެވުމެކެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަ ކޮށްދިނުމަށް އެޅުއްވި ފިޔަވަޅަކީ ސިޔާސީ ނިންމެވުމެއް ނޫންކަން ސަރުކާރުގެ އިހްލާސްތެރި އަމަލުތަކުން ސާބިތުކޮށްދޭކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރުވެސް، ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމުގައި ރާއްޖެއިން އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހި، ހިތްވަރާއެކު އެ މަސައްކަތުގައި ކުރިއަށްދިއުމަކީ ދުނިޔެއަށް ދޭ ސާފު، ވަރުގަދަ މެސެޖެއްކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖެއިން ދޭ މެސެޖަކީ ޑިޕްލޮމެޓިކް ފަށުވި ބަސްތަކުން ފޮރުވިފައިވާ މެސެޖެއް ނޫންކަމާއި، ނުވަތަ ވިޔަފާރީގެ ޑީލްތަކުގެ އަވާގައި ޖެހި ބަސްމަގު ބަދަލުވެފައިވާ މެސެޖެއްވެސް ނޫންކަމާޢި، އަދި ބާރުގަދަ އެކުވެރިންގެ ނުފޫޒު ފޯރުވާފައިވާ މެސެޖެއްވެސް ނޫންކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އިސްރާއީލާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އަޅާފައިވަނީ، މިފަހުން އަނެއްކާވެސް ޣައްޒާގެ އާއްމުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެ، ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. އަދި ބޮޑެތި ގައުމުތަކުން ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ނުކެރޭއިރު، ބައެއް ގައުމުތަކުން އަމަލުކުރަމުން ދަނީ އެއަށްވުރެވެސް ގޯސްކޮށްކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. ނަމަވެސް ރާއްޖެއިން އަމަލުކުރީ ތަފާތުކޮށް ކަމަށާއި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމަކީ ހަމައެކަނި އަގައިން ބުނެލި ބުނެލުމެއްގެ ބަދަލުގައި، އެއީ ސަރުކާރުގެ ސިޔާސަތުކަމަށް ކަނޑައަޅައި، ގާނޫނީ ގޮތުން އެކަން ކުރަން ލާޒިމްކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިހްލާސްތެރިކަން ހާމަކޮށްދޭކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރައްވަޢެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅީ އިގްތިސާދީގޮތުން ދަތިތަކެއް ކުރިމަތިވުމުގެ ބިރު އޮތްކަން އެނގި ތިބެކަމަށާއި، އެކަމުންވެސަް ދައްކުވައިދެނީ މާލީ ފައިދާއާއި ފަތުރުވެރިންގެ އަދަދަށްވުރެ، އިންސާފާއި ހަމަޢާއި ގަބޫލުކުރާ އުސޫލުތަކުގައި ހިފެހެއްޓުން ރައީސް މުޢިއްޒުގެ ސަރުކާރަށް މުހިއްމުކަންކަމަށެވެ. އަދި މިއީ ދުނިޔެއިން މިހާރު ވަރަށް މަދުން ނޫނީ ނުފެންނާނެފަދަ ލީޑަރޝިޕެއްކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ރާއްޖެފަދަ އަސްކަރީ ވަސީލަތްތަކާއި ނުފޫޒުގަދަ އެކުވެރިން މަދު ގައުމަކުން އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމުގައި ފަސްޖެހިފައިނުވާއިރު، ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމުގައި ބާރުގަދަ ގައުމުތަކަށް މިއަދު ދެއްކެން އޮތީ ކޮން ބަހަނާއެއްތޯވެސް ތަޖުރިބާކާރުން ދަނީ ސުވާލުކުރަމުންނެވެ.
އަނެއްކޮޅުން ރާއްޖޭގެ ނިންމުމަކީ ޔަހޫދީންގެ ސަރުކާރަށްވެސް އުނދަގޫތަކެއް ކުރިމަތިވާނެ ނިންމުމެއްކަން ބައެއް ފަރާތްތަކުން ފާހަގަކުރައްވަޢެވެ. އެގޮތުން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތަކަށް ބީރު ކަންފަތެއް ދީގެން ޔަހޫދީންނަށް ތިބެވިދާނޭކަމަށާއި، ނަމަވެސް ރާއްޖެއިން އެމީހުންނާ ދެކޮޅަށް އެޅި ފިޔަވަޅަކީ އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ފިޔަވަޅެއްކަންވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އޭގެ ސަބަބަކީ ރާއްޖެއިން ނިންމި ނިންމުމަކީ މަގުމަތީގެ ހިނގާލުމަކަށްވުުރެެ ވަރުގަދަ ކަމެއްކަމަށާއި، އެއީ މިނިވަން މުސްތަޤިއްލު ގާނޫނީ ވެރިކަމެއް ހިނގާ ދައުލަތަކުން ޔަހޫދީ ސަރުކާރުގެ އަމަލުތަކާއި ދެކޮޅަށް އެކަށައަޅާފައިވާ ސިޔާސަތެއްކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ރާއްޖެއިން އެޅި ފިޔަވަޅަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނާއި އެއްކޮޅަށް ގައުމަކުން ނިންމި ނިންމުމެއްކަމަށް އެ ރައްޔިތުން ނުދެކޭކަމަށެވެ. އޭގެ ބަދަލުގައި އެ
ފިޔަވަޅުން ދުނިޔެއަށް ދައްކުވައިދެނީ ސައިޒުން ކުޑަ ކިތަންމެ ކުޑަނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދުމަށްޓަކައި ތެދުވާނެ ގައުމުތަކެއް އޮތްކަންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖެއިން އެޅި ފިޔަވަޅުގެ ސަބަބުން ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަަސް ނުބުނެ، ހަނު ތިބި ގައުމުތަކަށް އިތުރު ޕްރެޝަރުތައް ކުރިމަތިވާނޭކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރައްވަޢެވެ. އެގޮތުން އެ ގައުމުތަކަށް އޮތީ ދެ ގޮތެއްކަމަށާއި، އެއީ ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް، އެކި ނުުފޫޒުތަކުގައި ޖެހިގެން ފިޔަވަޅެއް ނާޅާ ތިބޭނީތޯ ނޫނީ ތިމާމެންވެސް ހިތުގެ އަޑިން ގަބޫލުކުރާ އިންސާނީ ހަމަތަކާއި އުސޫލުތަކަށް ތަބާވެ، ޔަހޫދީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުންކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޔަހޫދީންނާއި ދެކޮޅަށް އެޅި ހިތްވަރުގަދަ، ތާރީހީ ފިޔަވަޅަކީ ފަލަސްތީނުގެ މައްސަލައާމެދު ދުނިޔޭގެ ލޯތައް ވަރަށް ބޮޑަށް ހުޅުވިގެންދިޔަ މުހިއްމު ފިޔަވަޅެއްކަން ދުނިޔޭގެ މަސްރަޙް ދިރާސާކުރައްވާ ތަޖުރިބާކާރުން ދަނީ ފާހަގަކުރައްވަމުންނެވެ.