ޚަބަރު

ޣައްޒާއަށް އެހީ އެތެރެ ކުރުމަށް ބާރު އަޅަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ


ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ އެކު ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށް ޔަހޫދީންނަށް ބާރު އަޅަމުން ގެންދަވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދާދި ފަހުން ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން އެ ކަމަށް ބާރު އަޅުއްވާފައިވާނެ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ. މީގެ އިތުރުން، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ބުނީ އޭޕްރިލް 25ވަނަ ދުވަހަށް ފަހު ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމުގައެވެ. މިއީ، ނިރުބަވެރި ނަތަންޔާހޫގެ އަމުރަށް، އަދި އެމެރިކާގެ ފުރިހަމަ ވާތްގާއި އެހީތެރިކަމާ އެކި ހިންގަމުންދާ ޖަރީމާއެކެވެ. ޔަހޫދީންގެ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އަދި އެހީތެރިއަކީ ޓްރަމްޕެވެ.

ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ޣައްޒާގެ ނިކަމެތީންގެ އިންސާނީ ހާލަތަށް ރިއާޔަތް ކުރައްވާފައިވާނެ ކަމުގައެވެ. "ޣައްޒާގެ ވާހަކަ ދެކެވުނު، އަޅުގަނޑު ބުނިން، ޣައްޒާގެ ރައްޔިތުންނަށް ރަނގަޅަށް ހިތަން ހިނގާށޭ، އެ މީހުންނަށް ދަނީ އަނިޔާ ލިބެމުންނޭ،" ޓްރަމްޕް ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން ބަންދު ކޮށްފައިވާ ޣައްޒާގެ ސަރަޙައްދީ ހުރަސްތައް އަލުން ހުޅުވައިލައި ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމާ މެދު ވިސްނަވަމުން ގެންދަވާތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ ގޮތަށް އަމަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ. "އަޅުގަނޑުމެން އެ ކަމައް ހައްލެއް ހޯދާނަން. ބޭހާއި، ކާބޯތަކެއްޗަށް ވަރަށް ބޮޑު ބޭނުމެއް އެބައޮތް، އަލުގަނޑުމެން އެ ކަން ހަމަޖައްސާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ނިކަމެތި ހާލަތު އެކުވެރި ދައުލަތްތައް (އދ)ން ވަނީ ކުށްވެރި ކޮށްފައެވެ. "ހައިހޫނު ކަން ޣައްޒާގައި ދަނީ ފެތުރެމުން، މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ދަނީ ޢާންމުވަމުން، ޒަޚަމު ކޮށްލާފައިވާ މީހުންނާއި އެހެނިހެން ބަލި މީހުންނަށް ފަރުވާއެއް ނުދެވޭ، އަޅުގަނޑުމެން ކުރިން ވެސް ދެންނެވި ފަދައިން، އެތަކެއް ބަޔަކު އެ ދަނީ މަރުވަމުން،" އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވިއެވެ.