ޚަބަރު

ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް އެރި ބަޔަކު 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި


  • އެފިނޮޅުގައި ކުރުން މަނާ ކަންތައްތައް ކޮށްފައިވޭ

  • އަލިވާގޮތަށް ރޭގަނޑު އެ ސަރަޙައްދު ދިއްލުން، އަލިފާން ރޯކުރުންފަދަ ކަންތައް ކޮށްފައިވޭ

  • އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން ޢަމަލުކޮށްފައިވޭ

ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އަރާ ޤަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާތީ ސޮނެވާފުށި 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފަތުރުވެރިންތަކެއް ގޮވައިގެން ސޮނެވާފުށީގެ މުވައްޒަފުންތަކެއް ބ.ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށްވަދެފައިވާކަމަށެވެ. އަދި އެފިނޮޅުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު އެއެޖެންސީއަށް ލިބުމާއި ގުޅިގެން އެމައްސަލަ ބަލާފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މިމައްސަލަ އާއި ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ޙިއްސާކޮށްފައިވާ ޙާދިޘާ ރިޕޯޓަށް ބަލައި މިފަރާތަށް ފިޔަވަޅު އަޅަން ނިންމިކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.

ފަތުރުވެރިން ގޮވައިގެން ސޮނެވާފުށީގެ މުވައްޒަފުންތަކެއް ބ.ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އެ ސަރަޙައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެސަރަޙައްދު ދިއްލުމާއި، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން ޢަމަލުކޮށްފައިވުމާއި އަދި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

އީޕީއޭއިން ވިދާޅުވީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ނެލިވަރަށް ގޮސް ޓޫރިސްޓުންނާއެކު ސޮނެވާފުށީގެ މުވައްޒަފުން އެސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އެއްބާރުލުން ނުދިންކަމަށެވެ. އެ މީހުން އެސަރަހައްދުން ދިޔައީ އެމީހުން ކުރިޔަށް ގެންދަން ރޭވި ހުރިހާ ކަމެއް ނިންމައި އެތަން ސާފުކޮށްފައި ކަމަށް ސޮނެވާފުށިން ފޮނުވާފައިވާ ސިޓީއެއްގައި އިޢުތިރާފްވެފައިވާ ކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

އީޕީއޭއިން ވިދާޅުވީ ޤަވައިދާ ޚިލާފަށް އެމީހުން ހިންގި ކަންކަމަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން އެ ރިސޯޓު 448،375 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ވިދާޅުވިއެވެ. އަދި އެ ފައިސާ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ އަންގާފައެވެ.

އެންމަޑީގެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅު ނެލިވަރު ހިމާޔަތްކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.
ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫގެ އުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދެކެވެ. މި ފިނޮޅު އޮންނަ ސަރަހައްދަކީ ރެކޯޑް އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަަރަހައްދެކެވެ.