ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަމަހު ހަވާލުކުރަން ފަށަނީ


  • ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

  • ގުޅިފަޅުން 3520 ގޯތި ދިނުމަށް ނިންމާފައިވޭ

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޕްލޭނަށް ބަދަލު ގެނެސް ވީިހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށްޓަކައި 400 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ގުޅިފަޅުގައި މީހުން އާބަދުވެ ދިރިއުޅެން ފަށާއިރު މަދުވެގެން 600 މިލިޔަނެއްވުރެ ގިނައިން ޚަރަދުވާނެކަމަށެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތުލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނުގައި ސިނާޢީ މަސައްކަތްކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު 100 ފޫޓުގެ ދުރުމިންވެސް ނެތެވެ. އަދި ރައްޔިތުންނަށް ޢާންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި އެކަށީގެންވާވަރަށް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިމަނާފައިނުވެއެވެ. މީގެ އިތުރުން ގްރީން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 8 އިންސައްތައެވެ.

އެހެންނަމަވެސް މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެކެވެ. އަދި މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއް ހުންނައިރު މި ލޭންޑް ޔޫސް ޕްލޭނުގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެއެވެ.