ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ހަނގުރާމަވެރިން، އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތަކާއި ޖަރީމާތައް ހިންގަމުންދާ ކަމުގައި ސޫދާން ޑޮކްޓަރސް ނެޓްވަރކުން ތުހުމަތު ކޮށްފިއެވެ. އެއީ، ސޫދާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއާއި އާރްއެސްއެފުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތު އެއްކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް، އަޑު އުފުލަމުންދާ ޖަމުޢިއްޔާއެކެވެ.
އާރްއެސްއެފުން ސޫދާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެފައި މި ވަނީ، އާރްއެސްއެފުން ދިން ނުރައްކާތެރި ޙަމަލާތަކެއްގައި ޢާންމުންގެ 31 މީހުން މަރައިލާފައިވާ ދަނޑިވަޅެއްގައެވެ. ވެރިރަށް ޚަރްޠޫމް ކައިރީގައި އޮތް އުންމު ދުރްމާނުގައި އާރްއެސްއެފުން ހިންގާފައިވާ ޖަރީމާތަކުގައި މަރައިލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.
އެ ޖަމުޢިއްޔާއިން ބުނީ، އުންމު ދުރްމާންގެ އަލް-ޞާލިޙާ ސަރަޙައްދުގައި ހިންގާފައިވާ ޖަރީމާތަކުގައި މަރައިލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ވެސް ހިމެނޭ ކަމުގައެވެ. އަދި، މިއީ ފަހުގެ ތާރީޚެއްގައި އާރްއެސްއެފުން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އެންމެ ބޮޑު ޖަރީމާގެ ގޮތުގައި އެ ޖަމުޢިއްޔާއިން ވަނީ ސިފަކޮށްފައެވެ. އަލް-ޞާލިޙާގައި ގިނަ އަދަދެއްގެ ޢާންމުންނާއި ކުޑަކުދިން މަރައިލާފައި ވަނީ ސޫދާންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތުހުމަތުގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އާރްއެސްއެފްގެ މެންބަރުން އެ ޖަރީމާތައް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިޔޯތަކެއް މީސްމީޑިޔާގައި ވަނީ ހިއްސާ ކޮށްފައެވެ. އެއީ، އާރްއެސްއެފުން ހިންގާފައިވާ "ހަނގުރާމައިގެ ކުށެއް އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް،" ކަމުގައި ސޫދާން ޑޮކްޓަރސް ނެޓްވަރކުން ބުންޏެވެ. އަދި، ސޫދާންގެ ޢާންމު ރައްޔިތުން މި ފަދަ ޖަރީމާތަކުން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމުޢިއްޔާއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
އުންމު ދުރްމާންގައި ސޫދާންގެ އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު މި ވަގުތު ދަނީ ވަރުގަދައަށް ޙަމަލާ ބަދަލު ކުރަމުންނެވެ. އެ ރަށުގެ ހުޅަނގުދެކުނުގެ ސަރަޙައްދުގެ އިތުރުން ހުޅަނގުގެ ބޮޑު ސަރަޙައްދެއް އޮތީ އާރްއެސްއެފްގެ ފައުޖުތަކުގެ ބާރުގެ ދަށުގައެވެ. އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ސޫދާންގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސޫދާންގައި އަހުލީހަނގުރާމަ ފެށިގެން ދިޔައީ، 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ އެކުގައެވެ. މި ހަނގުރާމައާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ނެތުމުން، މަރައިލާފައިވާ މީހުންގެ އަދަދު ސާފު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް، އެކުވެރި ދައުލަތްތައް (އދ)ން ބުނީ، ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ އަދަދު 20,000އަށްވުރެ އިތުރު ވާނެ ކަމުގައެވެ. އަދި، 15 މިލިޔަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ އެމެރިކާގެ ޖަމުޢިއްޔާތަކުން ބުނީ، އެ އަދަދު 130,000އަށް އުފުލިފައިވާ ކަމުގައެވެ. އދގެ އިތުރުން އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ބުނީ، ސޫދާންގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.