ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތަކުގެ ރަށްތަކުން ހޮވާލެވުނު 14 ދިވެއްސަކު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިޔާއަށް ފުރައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އައި.ސީ.ޑަބްލިއު.އެމް.އާރު، ޓީ.އީ.އާރް.އައި ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްއިން ކަމަށެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 13 ރަށެއްގެ 14 ކައުންސިލް މުވައްޒަފަކު ބައިވެރިވެފައިވާކަމަށެވެ. އަދި މި ބައިވެރިންނަކީ ޒޯން 2، 4 އަދި 5 ގެ ރަށްތަކުން ބައިވެރިވާ ފަރާތްތަކެއްކަމަށާއި، ބައިވެރިން ތަމްރީންކުރުމަށް ހަމަޖެހިފައިވަނީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރެވޭކަން ކަށަވަރުކުރުމުގެ ދާއިރާއިންކަމަށް އެ ވުޒާރާއިން މައުލޫމާތިދެއެވެ.
ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ފުރުމުގެ ކުރިން، ތިމާވެއްޓާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް ވަނީ ބައިވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް ހެޔޮ އެދުންތައް ފާޅުކޮށް، މި މުހިންމު ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ބާރުއަޅުއްވާފައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ތަމްރީނުން ލިބޭ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ބައިވެރިވާ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރަށްރަށުގެ ތިމާވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުނި މެނޭޖްކުރަން ބޭނުންވާ ވެހިކަލާއި އާލާތްތައް ތިމާވެށްޓާބެހޭ ވުޒާރާއިން ދަނީ ރަށްރަށަށް ފޯރުކޮށްދެމުންނެވެ.
ކުނިން ގަސް ކާނާ އުފެއްދުމަށް ބޭނުންކުރާ މެކޭނިކަލް ކޮމްޕޯސްޓަރު ރަށްރަށުގައި ޤާއިމްކުރުމާއި ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.