ޚަބަރު

ދުންފަތް މަނާކުރުމުން ޖީލުތަކުގެ ސަލާމަތަށް ރައީސް ޑރ.މުޢިއްޒު އިސްކަންދެއްވާ މިންވަރު ހާމަވޭ: މެންބަރުން


  • ގިނަ ބަޔަކު މަރުވާ ކެންސަރު ބައްޔަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބައްޔެއްކަމަށް ވިދާޅުވި

  • އަންނަ އޮތް ޖީލުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ނިންމެވި މުހިންމު ނިންމެވުމެއްކަމަށް ވިދާޅުވި

ވަކި އަހަރަކުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ޤާނޫނު އިސްލާހުކުރަން އެދި ހުށައެޅުމުން ކުރިއަށް އޮތް ޖީލުތަކުގެ ސަލާމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ މިންވަރު ހާމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ 1 ޖެނުއަރީ 2007ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވި އިސްލާޙަށް ބަހުސްކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ބައެއް ގެއްލުންތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ކެންސަރު ބަލި ގިނަ ފަހަރު ޖެހެނީ ދުންފަތުގެ އިސްތިޢުމާލުކުރުމުންކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ ދިރާސާތަކުން ދައްކާ ގޮތުން 2020 ވަނަ އަހަރު ރާއްޖޭގައި އަލަށް 496 ކެންސަރު ކޭސް ފެނިފައިވާ ކަމަށެވެ. އަދި ކެންސަރާ ގުޅިގެން އެ އަހަރު 264 މީހުން މަރުވެފައިވާކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖޭގައި ކެންސަރު ޖެހޭ މިންވަރަކީ ކޮންމެ 100،000 މީހުންގެ ތެރެއިން 105.3 މީހެއްކަން ފާހަގަކޮށްލެވޭ. މަރުވާ މީހުންގެ ތެރެއިން މަރުވަނީ ނޮން-ކޮމިޔުނިކަބަލް ބަލިތަކުގެ ސަބަބުން. މީގެ ތެރޭގައި ކެންސަރު ހިމެނޭ. ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރުގެ ސަބަބުން." މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ތަފާސްހިސާބުތަކުން ކެންސަރުގެ ނުރައްކާތެރިކަމާއި އަދި އެކަމަށް އެންމެ ބޮޑަށް މަގު ފަހިކޮށްދޭ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާ އެނގޭ ކަމަށެވެ. އެހެންކަމުން ޤައުމުގެ މުސްތަޤުބަލު ސަލާމަތްކޮށް އަންނަ އޮތް ޖީލުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ވަރަށް މުހިންމު ނިންމެވުމެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ވިދާޅުވީ، ވަކި އަހަރަކުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އަންނަން އޮތް ޖީލު ސަލަމާތްކޮށް، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުން ކަމަށެވެ. އަދި ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ އެ ބޭނުމުގައިކަން މެންބަރު ފާހަގަކުރެއްވިއެވެ.

"ދުންފަތާ ގުޅުންހުރި ބަލިތަކުގައި އަހަރަކު ގާތްގަނޑަކަށް 8 މިލިޔަން މީހުން މަރުވޭ. އިޖުތިމާޢީ ފޭރާން ރަނގަޅު ގޮތުގައި ބިނާކުރުމަކީ ރައީސް ވި ވަޢުދެއް. އެހެންވީމަ މި ބިލު ހުށައެޅިފައި މިވަނީ." ޙުސައިން ޝަރީފު ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވީ ދުންފަތް މަނާކުރުމަކީ ޒުވާން ޖީލު ސަލާމަތްކުރުމަށްޓަކައި އެޅޭ ޤައުމީ ފިޔަވަޅެއް ކަމަށެވެ. އަދި މިކަން ސިޔާސީ ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން ފަލާޙު އެދިވަޑައިގަތެވެ.

ފަލާޙު ވިދާޅުވީ ދުންފަތުގެ ސަބަބުން ގެއްލުންވާ ކަމާ މެދު ދެ ބަސްވާނެ އެކަކުވެސް ނުހުންނާނެ ކަމަށެވެ. އަދި އެންމެންވެސް ދުންފަތާ ދުރުވާން ބޭނުންވާ ކަމަށާއި އަންނަން އޮތް ޖީލަށް ހުޅުވިގެން މިދިޔައީ އެ ނުބައި އާދައާ ދުރުވުމަށް ރަނުގެ ފުރުޞަތެއްކަމަށް ފަލާޙު ވިދާޅުވިއެވެ.

"ޤައުމަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް، ރައްޔިތުންނަށް ހެޔޮ އެދިގެން ޤައުމުގެ ރައީސަކު އަޅުއްވާނެ އެންމެ ހަރުދަނާ އަދި އެންމެ މުހިންމު އެއް ފިޔަވަޅު މިއީ. 2007 އިން ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ލިބޭ ވަރަށް ބޮޑު ނަސީބެއް މިއީ." ފަލާޙު ވިދާޅުވިއެވެ.

ގިނަ މެންބަރުން ބިލަށް ތާޢީދުކުރައްވާފައިވާއިރު، ބައެއް އިދިކޮޅު މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. 1 ޖެނުއަރީ 2007ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ތެރެއިންނެވެ.