ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައި އޮންނަތާ 60 ދުވަސް ފާއިތުވެއްޖެއެވެ.
ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލައި, ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފައެވެ. އަދި، އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަލުން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ޔަހޫދީން އެ ގޮތަށް އަމަލު ކުރަނީ ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ. ނަމަވެސް ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީން އެއްބަސްނުވާ ނަމަ އަސީރުން މިނިވަނުް ނުކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ.
ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީގެ ސާމާނު ޣައްޒާއަށް ނުވެއްދޭތާ 60 ދުވަސް ފާއިތުވެފައިވާ އިރު މިއީ ޣައްޒާއަށް އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވި އެންމެ ދިގު މުއްދަތެވެ. އޭގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޕަލަސްޓީނިއަން އެންޖީއޯސް ނެޓްވޯކް، ޕީއެންޖީއޯގެ ޑިރެކްޓަރު އަމްޖަދު ޝާވާ ވިދާޅުވީ އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއެޅުމުގެ ކުރިން ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންދިޔަ 170އެއްހާ ޢާންމު ބަދިގެ ހުރި ކަމަށެވެ. ނަމަވެސް އެ ޢަދަދު މިހާރު ވަނީ 70އެއްހާ ބަދިގެއަށް މަދުވެފައެވެ. ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުން މިހާރު ޚިދުމަތް ދެމުންދާ ބަދިގެތައް ވެސް ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ބަންދު ކުރުމަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެެވެ. މި ހަފުތާގެ ހޯމަ ދުވަހު އެކަނި ވެސް 15 ބަދިގެއެއް ބަންދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޙާލަތުގައި ޔަހޫދީން ދަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވެސް ވަރުގަދަ ކޮށްފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މިހާތަަނަށް ޣައްޒާގެ 52،000 ރައްޔިތުން ޔަހޫދީން ޝަހީދު ކޮށްލާފައިވާއިރު 118،014 މީހުންނަށް ވަނީ ޒަޚަމުވެފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 2،308 މީހުން ޝަހީދު ކޮށްލާފައި ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައެވެ.
ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މިންވަރު ހިސާބު ކުރާ އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ނިޒާމުން ދަނީ ޣައްޒާގައި ކާބޯތަކެތި ކަށަވަރު ނުވުމާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބުމާ ގުޅޭގޮތުން ދިރާސާއެއް ކުރަން ފަށައިފައެވެ. އދގެ އިންސާނީ މަސައްކަތް ކުރާ އިދާރާ، އޯސީއެޗްއޭއިން ބުނީ އޭޕްރިލް މަހުގެ 28ވަނަ ދުވަހު ކުރަން ފެށި މި ދިރާސާ އެއް ހަފުތާގެ މުއްދަތަށް ދެމިގެންދާނެ ކަމަށެވެ. އދގެ އެކި އިދާރާތަކާއި އެހީދޭ ޖަމާޢަތްތަކުގެ 50އަށްވުރެ ގިނަ އެނަލިސްޓުން މި މަސައްކަތުގައި ބައިވެރިވާ ކަމަށް އޯސީއެޗްއޭއިން ބުނެއެވެ.
ޔަހޫދީން ޣަައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ހަތަރު ވަރަކަށް ފަހަރު އައިޕީސީން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހުމާ ގާތްވަމުންދާ ކަމަށް ބުނެ އިންޒާރުތައް ދީފައެވެ. އައިޕީސީން އެންމެ ފަހުގެ ދިރާސާ ކުރަމުން މި ދަނީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގުރާމް، ވޯލްޑް ފުޑް ޕްރޮގްރާމް ނުވަތަ ޑަބްލިޔުއެފްޕީއިން ޣައްޒާގައި ޑަބްލިޔުއެފްޕީއިން ފޯރުކޮށްދެމުންދިޔަ ކާބޯތަކެތި އެއްކޮށް ހުސްވެފައިވާ ކަމަށް ރަސްމީކޮށް އިޢުލާނު ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ޣައްޒާގައި އެ އިދާރާއިން ހިންމުން ދިޔަ ހުރިހާ ބޭކަރީއެއް މި މަހުގެ ތެރޭގައި ބަންދު ކުރީ ފުށާއި ތެޔޮ ނުލިބުމުގެ ސަބަބުން އެ ތަންތަން ނުހިންގޭތީއެވެ.
ޒަޔަނިސްޓު އިސްރާއީލާއި ޔަހޫދީންގެ އަޅުވެތި ކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ ،އުންރުވާއިން ބުނީ ޣައްޒާގެ ޢާއިލާތަކުން ކަނީ ދުވާލަކު އެއް އިރު ކަމަށާއި އެ މީހުންނަށް އަތުޖެހުނު އެއްޗެއް ކެއުމަށް މަޖުބޫރުވެފައިވާ ކަމަށެެވެ. އެ ގޮތުން ކެއުމަށް ރަައްކާތެރި ނޫން ތަކެތި ވެސް ދިރިހުރުމަށްޓަކައި ކެއުމަށް އެ މީހުންނަށް މަޖުބޫރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ޣައްޒާގެ ޞިއްޙީ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުވެ، ޒަޚަމްވަމުން ދާއިރު ޣައްޒާގެ ހަސްފަތާލުތަކުގެ ތެރެއިން މިހާރު ޚިދުމަތްދެވޭ މަދު ހަސްފަތާލުތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ޞިއްޙީ ސާމާނު ނުލިބުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނަށް ފަރުވާ ނުދެވި ދަނީ ޝަހީދުވަމުންނެވެ.