އެމެރިކާއިން ޔަމަނުގެ ރައުސު ޢީސާ ތެޔޮ ބަނދަރަށް އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު، ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދަށް އެމެރިކާއިން ދިން ޙަމަލާގައި 80 މީހުން ޝަހީދުވެފައިވަނިކޮށް، ރޭގެ ވަގުތެއްގައި އެމެރިކާއިން ވަނީ އެ ބަނދަރަށް އަނެއްކާވެސް ޙަމަލާދީފައެވެ.
އެމެރިކާއިން މި ޙަމަލާ ދީފައިވަނީ، ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައިވަނިކޮށެވެ. އެ މިސައިލްތައް ދިފާޢީ ނިޒާމުގެ ތެރެއިން ހުއްޓުވާފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުންޏެވެ.
މިދިޔަ މަހުގެ 15ގައި އެމެރިކާއިން ދިން ޙަމަލާއަކީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މެދުއިރުމަތީގައި އެމެރިކާއިން ދިން ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އެއް ޙަމަލާއެވެ. އެމެރިކާއިން މިދިޔަ މާރިޗު މަހުގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ޔަމަނަށް އަމާޒު ކުރި ޙަމަލާތަކެއްގައި ވެސް 50އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދީ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫޘީން ވަނީ ޔަހޫދީންނާ ގުޅުންހުރި އެކި އުޅަނދުފަހަރަށް ކަނޑުމަގުން ޙަމަލާ ދެމުންނެވެ. އެއީ ޔަމަނުން ޣައްޒާއާއެކު ވާ ކަމަށް ބުނެ ދެމުންދާ ޙަމަލާތަކެކެވެ. މިހާތަނަށް އެ ފަދަ 100އަށްވުރެ ގިނަ ޙަމަލާ ޔަމަނުން ދީފައިވެއެވެ. ހޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެމެރިކާއަށް ވެސް ގެއްލުންތައް ލިބެމުންދާއިރު ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ނުހުއްޓާނަމަ ޔަމަނަށް ޙަމަލާ ދެމުންދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.