ޚަބަރު

އައު ދެ ކޯހަކާއެކު އިސްލާމީ ޔުނިވާސިޓީގެ އޮގަސްޓު އިންޓޭކަށް ހުޅުވާލައިފި


  • ޖުމްލަ 69 ކޯހަކަށްވަނީ ހުޅުވާލާފައި

  • މާސްޓާރސް ލެވެލްގެ 18 ކޯހަކާއި ޕީއެޗްޑީ ލެވެލްގެ 3 ކޯހެއް ހިމެނޭ

  • މާލޭގެ އިތުރުން 6 ލާރނިންގ ސެންޓަރެއްގައި ކޯސް ހިންގާނެ

މުޅިން އަލަށް ފަށާ ދެ ކޯހަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ އޮގަސްޓް މަހު ފަށާ ކޯސްތަކަށް ހުޅުވާލައިފިއެވެ. މިއަހަރުގެ އޮގަސްޓް އިންޓޭކްގައި ޖުމްލަ 69 ކޯހަކަށް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ އޮގަސްޓް އިންޓޭކަށް އައިޔޫއެމްއިން އިއުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓާރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ.

މި ސެމިސްޓަރގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާރސް އޮފް ޓީޗިންގް އިން ހަޔަރ އެޑިއުކޭޝަން އަދި 10 ޤިރާއަތުން އީޖާޒާ ދިނުމުގެ ކޯހެވެ.

މި ކޯސްތައް ބެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ އެކި ކޯސްތައް ހިމެނެއެވެ.

އައިޔޫއެމުން އަލަށް ފަސާ ކޯސްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ޔުނިޗާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، އެ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރަނީ، އެ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުންގެ ހިތުގައި ޔުނިވަރސިޓީއަށް އޮންނަ އިތުބާރުވަރުގަދަކޮށް، ޔުނިވަރސިޓީއަށް ދަރިވަރުންގެ ހިތުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްކަމަށެވެ.

"ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަނީ، ޔުނިވަރސިޓީންދޭ ތަޢުލީމު އިތުރަށް ފުޅާކުރުމަށާއި، ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަހިކޮށްދިނުމަށް، އަދި ޔުނިވަރސިޓީގެ މާޙައުލަކީ ދަރިވަރުންނަށް އެކަށީގެންވާ ކިޔެވުމަށް ލޯބިޖެހޭ އަދި ކުދިން އުޅޭ ހިތްވާކަހަލަ މާޙައުލަކަށް ބަދަލުކުރެވޭތޯ". އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިއަހަރުގެ އޮގަސްޓް އިންޓޭކްގެ އައި.ޔޫ.އެމްގެ ކޯސްތައް، މާލޭ ސިޓީގެ އިތުރުން، ރ.އުގޫފާރު، ޅ.ނައިފަރު، ލ.ފޮނަދޫ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫސިޓީ މީދޫގައި ޤާއިމުކޮށްފައިވާ އެ ޔުނިވާސިޓީގެ ލާރނިންގ ސެންޓަރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ކޯސްތަކެކެވެ.

މިއަހަރުގެ އޮގަސްޓް އިންޓޭކުގެ ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އެވެ.