ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ބަނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެމައްޗަށެވެ.
މައިންބަފައިންނާ އަބިދަރިންނާ އާއިލާއަށްވުރެ އަގުބޮޑު ގުޅުމެއް އަދި ނިޢުމަތެއް ނެތެވެ. އާއިލާއާ އެކު ކުރިއަށްދާ މީހަކަށް ދިމާވާ ކޮންމެ ކަމަކާ، ކުރިމަތިލާނީ އެންމެން އެކުއެކީގައި އެކަތިގަނޑެއްގެ ގޮތުގައެވެ.
މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އަމިއްލަ ނަފްސު ވަޒަންކޮށްލުން މުހިންމެވެ. އަނބިދަރިންނާ މައިންބަފައިންނާ އޮތް ގުޅުމާއި، ތިމާވެ ފަރާތުން އެމީހުންނަށް ލިބޭ އަޅަލުމާ ލޯބީގެ މައްޗަށް އަމިއްލަ ނަފުސު ވަޒަންކޮށްލަންޖެހެއެވެ.
ދަ ހެޕިނަސް ކްލަބްގެ ލައިފް ކޯޗް މުޙައްމަދު ޝިހާބު ފާހަގަކުރައްވާގޮތުގައި އާއިލީ ގުޅުމުގެ ދެމެހެއްޓުމުގެ އެންމެ މުހިންމު ކަމަކީ "ލޯބި"އެވެ. އަދި އެކަން ފެށެނީ މައިންބަފައިންނާ ހަމައިންކަމަށާއި، ދަރިންނަށް މައިންބަފައިން ދައްކާ މިސާލުންކަން ފާހަގަކުރެއްވިއެވެ.
ކުއްޖާ ހެދިބޮޑުވާ މާޙައުލަކީ ކުއްޖާގެ އަޙުލާގަށް އެންމެ ބޮޑު އަސަރެއްކުރާ ކަންތައްކަމަށް ޝިހާބް ފާހަގަކުރެއްވިއެވެ.
އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމާއި އެކަކު އަނެކަކުގެ އިޙުސާސު ދެނެގަތުމަށް މަސައްކަތްކުރުމާއި، ވަޒީފާއާއި ބުރަ ދިރިއުޅުމުން އާއިލާއަށް ވަގުތު ހުސްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެގޮތުގައި ޝިހާބު ފާހަގަކުރެއްވިއެވެ.
"ބަލިވީމަ އަޅާލަން ތިބޭނީ އާއިލާ. ވަޒީފާއަށްދޭ ސަމާލުކަމުގެ ސަބަބުން އާއިލީ ގުޅުން ކުޑަވާނަމަ، އެއީ އިޙުމާލެއް. ވަޒީފާއަށް މަޖުބޫރުން ކޮންމެ ދުވަހަކު 8 ގަޑިއިރު ހޭދަކުރާ ފަދައިން، އާއިލާއަށްވެސް ކޮންމެ ދުވަހަކު ވަގުތުދޭންޖެހޭ." ހެޕިނަސް ކްލަބްގެ ލައިފް ކޯޗް ޝިހާބް ފާހަގަކުރެއްވިއެވެ.
2024ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅޭ 2050 މައްސަލަ ހުށައެޅުނުއިރު އޭގެތެރޭގައި، އެންމެ ގިނައީ ކުދިން ބެލުމުގައި އިޙުމާލުވުމެވެ. ހަޟާނާތާ ދަރިންނާ ބައްދަލުނުވުމައި ޚަރަދު ނުދިނުމުގެ މައްސަލަތައް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ ބެލެހެއްޓުމާ ގުޅޭ 40އަށްވިރެ ގިނަ މައްސަލައާއި ވަންނާނެތަނެއް ނެތުމުގެ 2 މައްސަލަ ހިމެނެއެވެ.
އާއިލީ މައްސަލަތައް މަދުކޮށް، އާއިލީ ގުޅުމަށް ހޭލުންތެރިކުރުމަށް ސަރުކާރުގެ ވުޒާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީޑް ސޯޝަލް ސަރވިސް ވޯކަރ އަކްރަމް ހުސައިން ވިދާޅުވީ އާއިލީ ގުޅުން ބަދަހިކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން، އާއިލީ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެކަމުން އަރައިގަތުމަށް އެހީވުމަށްވެސް ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށެވެ. އެގޮތުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ، އާއިލާތަކަށް ބޭނުންވާ ނަފްސާނީ، އިޖުތިމާޢީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
"އިބަމަ، ކޮންމެ ކުއްޖަކަށް އާއިޅާއެއް، އުފާވެރި ރާސްތާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ޕްރޮގްރާމްތައް މި ދާއިރާއިން އެބަ ހިންގަން." އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ލީޑް ސޯޝަލް ސަރވިސް ވޯކަރ އަކްރަމް ހުސައިން ވިދާޅުވިއެވެ.
އާއިލީ ގުޅުންތައް ދަމަހައްޓާ ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެތެރޭގައި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް އާއިލާއަށް ހުސްކުރުމާއި، ދަރިންގެ ކިޔެވުމާއި ތަރުވިއްޔަތު ކުރުމުގައި މަންމައާއި ބައްޕައާއި އަދި މާމް، ކާފަގެ ޙިސާ އިތުރުކުރުން ވަރަށް މުހިންމެވެ. އަދި އެއް ސުފުރާއެއް އެކުގައި ކެއުމާއި، ޚާއްސަ ދުވަސްތައް އެކުގައި ފާހަގަކުރުމާއި ހަފްތާ ބަންދުގައި އަނބި ދަރިންނާއެކު އުފާވެރި ވަގުތުކޮލެއް ހޭދަކޮށްލުމަށް ވަރަށް މުހިންމުކަމެކެވެ.