ތަރައްްޤީ

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުން


މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިބެ ޑިއުޓީ އަދާ ކުރަމުންދަނިކޮށް ދިމާވާ އެކިއެކި ޙާދިސާތަކާއި ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭއެވެ.

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ރޭ ފުލުހުންގެ މަރުކަޒުތަކުގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. ފުލުހުން ވިދާޅުވީ ދިދަ ތިރިކުރުމުގެ ހަރަކާތަކީ ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން އެފުލުހުންގެ ޛިކުރާ އައުކޮށް އެފުލުހުންނަށް އެރުވޭ ޚާއްޞަ ޝަރަފެއްގެ ގޮތުގައި ކުރައްވަމުންދާ ކަމެއް ކަމަށެވެ. 

އެގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާލޭގައި ހުރި ފުލުހުންގެ ދެ މަރުކަޒު ކަމުގައިވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އާއި އިސްކަންދަރު ކޮށީގެ އިތުރުން ފުލުހުންގެ ހަތް ޑިވިޜަން ކަމުގައިވާ އަޕަރ ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ޕޮލިސް ޑިވިޜަން އާއި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން އާއި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ އިތުރުން ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ފުލުހުންގެ ހުރިހާ މަރުކަޒެއްގައިވެސް ވަނީ އެއް ވަގުތެއްގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. 

ފުލުހުންގެ މެމޯރިއަލްޑޭ ނިސްބަތް ވަނީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ހުއްޓައި ދިން ނުރައްކާތެރި ޙަމަލާއެއްގައި 2012 ވަނަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މިދުވަސް ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ތޭވީސް ވަނަ ދުވަސް ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައި ވަނީ ދެހާސް ބާރަ ވަނަ އަހަރެވެ. މިއަހަރުގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް މާދަމާރޭ އިސްކަންދަރު ކޮށީގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ޕޮލިހުން ވިދާޅުވެއެވެ. މި ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އަޙްމަދު ޡުހޫރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ފުލުހުންގެ ޢާއިލާތަކުގެ މެމްބަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވާނެއެވެ.