މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް އެ ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަގިމް (މުންތޭ) ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ދައުރަށް ނައިބު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުންތަގިމް ވިދާޅުވީ ނައިބު ރައީސުންގެ ވަކި ޓާގެޓެއް ނޯންނާނެ ކަމަށާއި، މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.
އެމްއޯސީގެ އައު ދައުރަކަށް މުންތަގިމް އާއި އަޙްމަދު އިސްމާއިލް ނައިބު ރައީސް ކަމަށް އިންތިޚާބުކުރައްވާފައިވާއިރު، ނިމިގެން ދިޔަ ދައުރުގައިވެސް ނައިބުންގެ މަގާމު ފުުއްވީ އަޙްމަދާއި މުންތަގިމްއެވެ.
އެމްއޯސީގެ ނައިބު ރައީސުންގެ ފުރިހަމަ އެއްބާރުލުން ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަށް ދޭނެ ކަމަށް މުންތަގިމް ވިދާޅުވެފައިވާއިރު އަލަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީން މިއަހަރު އެންމެ އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމާއި، އޮލިމްޕިކްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ އިތުރު ކުޅިވަރުތައް ކޮލިފައިވޭތޯ ބެލުން ހިމެނެއެވެ.
އަދި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުން މަތީ ވަނަތައް ލިބޭ ފެންވަރަށް އެލީޓް އެތުލީޓް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާ ޓްރޭނިންތައް ވަރުގަދަ ކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ހިންގުމުގައި ހުރިކަންކަން އިސްލާހު ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
އެގޮތުން އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓް އެކުލަވާލުމާއި އޮޑިޓްކުރުންފަދަ ކަންކަމުގައި އެހީތެރިވެދިނުންވެސް ހިމެނެއެވެ. އަދި އެމްއޯސީން ހަދަން ޖެހޭ ކޮމިޓީތައް ހަދާ ކުޅިވަރު ވުޒާރާއަށް އެއްބާރުލުން ދިނުމާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހަށް އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، އެތުލީޓުންނަށް އެކަށީގެންވާ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށް އެމްއޯސީން ބުނެއެވެ.
2025-2029 އަށް އެމްއޯސީގެ ނައިބު ރައީސް ކަމަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރެއްވި މުންތަގިމް އިންތިހާބުކުރައްވާފައިވަނީ 12 ވޯޓުންނެވެ. އޭނާ އާއި ވާދަކުރެއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުޙައްމަދު (މުސްތޮ) އަށް ތިން ވޯޓު ލިބިވަޑައިގެންނެވިއިރު، ނައިބު ރައީސް ކަމަށް އިންތިޚާބުކުރެއްވި އަޙްމަދަށް ލިބިވަޑައިގަތީ 15 ވޯޓެވެ.