މަޖިލީހަށް މިހާރު ހުށައަޅާފައިވާ ގެދޮރުވެރިކަމުގެ ޤާނޫނާއެކު، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އޮޅުވާލައިގެން މަޢުލޫމާތު ހުށައަޅާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން ކުރިއަށްގެންދިޔަ 4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގައިވެސް އޮޅުވާލައިގެން ގިނަ ބަޔަކު މަޢުލޫމާތު ހުށައަޅާފަވާކަން އޭސީސީން އަދި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ރިވިއުތަކުންވެސް އެނގިފައިވެއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ހައުސިންގ މަޝްރޫޢުތަކަށް މަޢުލޫމާތު ހުށައެޅުމުގައި، ގިނަ ޕޮއިންޓް ހޯދުމުގެ ނިޔަތުގައި އޮޅުވާލައިގެން ވަރަށް ގިނަ ފަރާތްތަކުން މަޢުލޫމާތު ހުށައަޅާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އެންމެ ފަހުން ދޫކުރު 4000 ހައުސިން ޔުނިޓަށް މަޢުލޫމާތު ހުށައެޅުމުގައި، ދިރިއުޅޭ ގެދޮރުގެ ޙާލަތު ލިޔެފަވާއިރު ހާލަތާ ނުބައްދަލު މަޢުލޫމާތު ޕޯޓަލްއަށް އަޅާފަވާކަމަށް އިނގޭކަމަށެވެ.
ވަޒީރު ވިދާޅުވީ މީގެ ސަބަބުން، ސައްޙަ މަޢުލޫމާތު ހިމަނާ އަދި ގެދޮރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ފުރުޞަތު ގެއްލޭކަމަށެވެ. މިއީ ވަރަށް ދެރަ މަސައްލައެއްކަމަށާ، މިހާރު ސަރުކާރުން މަޖިލީހަށް ހުށައަޅާފަވާ ގެދޮރުވެރިކަމުގެ ޤާނޫނުގެ ދަށުން މިކަމަށް ޙައްލު ހޯދުމަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފޯމުގައި މާކްސް ގިނައިން ލިބޭނީ ކިހިނެތް ލިޔުނީމަކަން އިނގޭ މީހާ، އެމީހުން މިހުންނަނީ ގިނަ މާސްކް ލިބޭގޮތަށް އޮޅުވާލައިގެން މަޢުލޫމާތު ހިމަނާފަ. އެކަން ފެންނަން އެބަހުރި. މިއީ ޤާނޫނެއްގެ ތެރެއިން ޙައްލުކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރާތީ ގެދޮރުވެރިކަމުގެ ބިލު ހުށައެޅީ. އޭރުން ގެދޮރު ދިނުމަށް ޕޮއިންޓްދިނުމުގެ ރަނގަޅު ނިޒާމެއް ޤައުމުކުރެވޭނެ." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ދިރިއުޅުމާއި އެމީހާގެ މާލީ ހާލަތަށް ބަލާ، ގެދޮރު ދޭންވާނީ ވަށާޖެހޭ އުސޫލަކަށްކަމަށެވެ.
މި ފޯރަމްގައި އާއްމު ފަރާތަކުންވަނީ، ދަރިން ނުތިބޭ މީހުންނަށް މާކްސް މަދުވާގޮތަށް އޮންނަ އުސޫލާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ރައީސްގެ ވަޢުދާ އެއްގޮތަށް، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ޕޮއިންދޭ އުސޫލަށް އިސްލާހީ ބަދަލުތައް ގެންނައުމަށް މަސައްކަތް ކުރަމުންދާއިރު، ދަރިން ނުލިބޭ މީހުންގެ ޙާލަތަށް ރިއާޔަތްކުރަން މިހާރުވެސް ނިންމާފަވާކަމަށެވެ. ދަރިން ނުލިބޭ މީހުންނަށް މާކްސް ދިނުމުގެ ޚާއްސަ ކްރައިޓީރިއާއެއް ކަނޑައަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކައިވެނިކޮށްގެން އުޅެ، ދަރިން ނުލިބި ވަކި މުއްދަތެއްވެ، އެކަމުގައި ޑޮކްޓަރެއްގެ ލިޔުން އޮތްނަމަ ޕޮއިންޓް ލިބޭނެ އުސޫލެއް ހަދާނަން. އެމީހުންގެ އިޙުމާލެއް ނެތި ދިމާވާ ޙާލަތެއް މިއީ. މިއީ ބޯހިޔާވަހިކަން ނުލިބެންވީ ސަބަބަކަށް ވެގެން ނުވާނެ." ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ގެދޮރުވެރިކަމާ ބެހޭ ޤާނޫނުގެ ބިލު މިވަގުތު އޮތީ މަޖިލީހުގައެވެ. މި ޤާނޫނު ފާސްވެގެންދާއިރު، ސަރުކާރުގެ މަޝްރޫޢުތަކުން ގެދޮރު ދޫކުރުމުގައި ހުރި ބޮޑެތި ގިނަ މައްސަލަތަކަކަށް ޙައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.