ކުޅިވަރު

ކުޅިވަރުގެ ފޯރި ގެނައުމަށް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން ޖެހޭ: ވަޒީރު


ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންގޮސް ފޯރި ގެނައުމައްޓަކައި ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތްތަކެއް ރާއްޖޭގައި ބާއްވަން ޖެހޭ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް އެކަމުގެ ރަނގަޅު އަސަރު ކުރާނެކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރީގައި ވޮލީގެ ހަރަކާތްތަށް ފެނިގެންދާ ސަބަބަކީ ވޮލީ އާއިލާގައި މި ކުޅިވަރަށް އޮތް ލޯބި ހާމަވެގެންދާ ހެއްކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ކުޅިވަރުގައި މިހާރު ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގެ އަދަދު ގިނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއީ ކުޅިވަރު ކުރިއެރުވުމަށް މުހިންމު، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

"މިހާރު މުބާރާތަކަށް ފަހު މުބާރާތެއް ޖެހިގެން މިދަނީ، މައިލޯ ވީއޭއެމް ކަޕް، ދެން ވޮލީ ލީގު، މިހާރު މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ވާދައިގެ ތައްޓަށް ކުޅެވޭ މުބާރާތް މިއީ އެންމެ ބޮޑު މުބާރާތް ނިމިގެން މިދިޔައީ މިއާ އެކު އަނެއްކާވެސް އިންޓަރ ނޭޝަނަލް ބޮޑު މުބާރާތެއް މި ފެށެނީ." ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ލިބިގެންދާ ތަޖުރިބާތަކާ އެކު ރާއްޖޭގެ ޓީމުތަކުގެ ފެންވަރު މިހާރު އެތައްގުނައަކުން މަތިވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ މުބާރަތްތަކުގެ ވާހަކަ ވަޒީރު ފާހަގަކުރެއްވި އިރު ފަހަކަށް އައިސް ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ އަދަދު މި ވަނީ އިތުރުވާން ފަށާފައެވެ.