ކުޅިވަރު

އެޗްޑީސީގެ މައްސަލައެއް ނެތް، ތަފާތަކީ ދެ ޓީމުގެ ބޭރު ކުޅުންތެރިން: ސާޖިދު


މި އަހަރުގެ ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުނުކުރެވުނީ ކުލަބު އެޗްޑީސީގެ މައްސަލައަކުން ނޫން ކަމަށާއި، ތަފާތަކަށް ފެނިގެންދިޔައީ ބިދޭސީ ކުޅުންތެރިންގެ ހުނަރު ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ.

ފައިނަލް މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސާޖިދު ބުނީ ވީއޭއެމް ކަޕުގެ ފައިނަލުގައި ބަލިވި ހިސާބުން އަރައިނުގަނެވި ލީގުގެ ކުރީކޮޅު ފޯމު ދަށްވެގެން ދިޔަކަމަށެވެ. އެހެން ނަމަވެސް ލީގުގެ ފަހުކޮޅަށް އައިރު ޓީމު އޮތީ ރަނގަޅު ފޯމެއްގަ ކަން ސާޖިދު ފާހަގަކުރިއެވެ.

"އަސްލު އަޅުގަނޑަށް ފެނުނު ގޮތުގައި މި ދެޓީމުގެ ތަފާތަކަށް ވެގެންދިޔައީ ބޭރު ކުޅުންތެރިން، ސިފަންގެ ތިބި ދެ ކުޅުންތެރން ވެސް މާބޮޑަށް ޓީމު ވަންތަވެފަ ޕާފޯމެންސް ވެސް ރަނގަޅުކޮށް ފެނުނީ، އެ ތަފާތު މި ފެނިގެންދިޔައީ ބޮޑަށް." ސާޖިދު ބުންޏެވެ.

ސާޖިދު ބުނީ ފައިނަލު މެޗުގައި ފުރަތަމަ ސެޓުގައި ރަނގަޅަށް ކުޅެފަ ސެޓް ކާމިޔާބު ނުވުމުން އޭގެ އަސަރު ދެވަނަ ސެޓުން ފެނިގެންދިޔަކަމަށެވެ. ތިންވަނަ ސެޓު ރަނގަޅަށް ކުޅުނު ނަމަވެސް ގިނަ ގޯސްތަކެއް ޓީމުން ހެދިކަން ސާޖިދު ފާހަގަކުރިއެވެ.

ކާވާ ކްލަބް ޗެމްޕިއަންޝިޕަށް މާ ބޮޑު ބަދަލެއް ޓީމުން ނުފެންނާނެ ކަމަށާއި ޓީމަށް އިތުރުވާނީ ބިދޭސީ ސެޓަރެއް ކަމަށެވެ. އަދި މުބާރާތުން ބޭނުން ވަނީ މެޑައްޔެއް ކަމަށް ސާޖިދު ވަނީ ބުނެފައެވެ.