ޚަބަރު

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ މަސައްކަތަށް ޚާއްސަ އިމާރާތެއް


  • މިއީ ޓީޖެޓީ ކުރިމަތިން ހުންނަ އިމާރާތެއް

  • މައްސަލަތައް ބެލުމުގައި ދިމާވާ ޖާގައިގެ މައްސަލަ ހައްލުވާނެ

  • މިއީ ކުޑަކުދިންނާ ރައްޓެހި މާޙައުލަކަށް ވާނެ

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޚިދުމަތް، މާފަންނު ޓީޖެޓީ ކުރިމަތިން ހަދަން ފަށާފައިވާ އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ. މިއިމާރާތުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތައްކާ ބެހޭ ވަޒީރާއި، ފުލުހުންގެ ކަމާގުޅުން ހުރި އިސް ފަރާތްތަކުން ވަނީ ބައްލަވާލައްވާފައެވެ.

ފުލުހުންގެ ޚިދުމަތުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ބެލުމުގެ ޚިދުމަތް، އެފްސީޕީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އިމާރާތަކީ ޖާގައިގެ ގޮތުން ދަތި އިމާރާތެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އޭގެސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ބާވަތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިވަގުތު އެފްސީޕީން ބަލާ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ހިމެނޭ، އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތުކުރެވޭ ފަރާތްތައް، އެއް ތަނެއްގައި ބައިތިއްބަންޖެހުމުގެ މައްސަލަވެސް ވަރަށް ބޮޑަށް ދިމާވާކަމަށް ވަނީ ވިދާޅުވެފައެވެ.

މި ޚިދުމަތް ޓީޖެޓީ ކުރިމަތިން ހަދަމުންދާ އިމާރާތަށް ބަދަލުކުރުމުން ޖާގަ ތަނަވަސްވެ، މައްސަލަތައް ބެލުމަށްވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުން ޚިދުމަތް ލިބިގަންނަން އަންނައިރު އެކަމަށް ޚާއްޞަ ކުރެވިގެން ޚިދުމަތް ދެވޭނެ ގޮތަށް ޚިދުމަތްތައް ތަރުތީބު ކުރެވިގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަތައް ބެލުމުގައި ކުޑަކުދިންނާ ރައްޓެހި މާޙައުލެއް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ކުށުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއި ތުހުމަތު ކުރެވޭ ކުދިން އެފްސީޕީއަށް ހާޒިރުވެގެންނާއި، ހާޒިރުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މީގެއިތުރުން ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އިމާރާތާއެކު، ޖުމްލަކޮށް އެފްސީޕީން ބަލަމުންދާ މައްސަލަތަކާއި ދެވޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަގުފަހިވެގެންދާނެކަމަށެވެ.