އެމްއެމްޕީއާރުސީގެ އަމާޒު މިހާރު ބަދަލުކޮށްފައިވަނީ ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ ގޮތަށްކަމަށް އެކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައި، އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް، ވަނީ އެ ކުންފުނީގެ މާލީ ޙާލަތަށާއި ހިންގުމުގެ އޮނިގަނޑަށް ތާރީޚީ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
ޣިޔާސްގެ ވާހަކައިގައި، ފާއިތުވި އަހަރު ކުންފުނިން ހާސިލްކޮށްފައިވާ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ހިންގުމުގެ ޚަރަދު %10 ކުޑަކުރެވި، ޓްރޭޑް ޝޯތަކަށް ކަނޑައަޅާފައިވާ ޚަރަދު %80 އިން %34 އަށް ދަށްކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ހަރުދަނާ، އަދި އަސަރުފޯރުވަނިވި މަސައްކަތްތަކަށް ފައިސާ ޚަރަދުކުރުމަށް ފުރުސަތުލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ފާއިތުވި 10 އަހަރާ ޚިލާފަށް، ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ، ލަނޑުދަޑިތަކަށް ބަރޯސާވެ ކުރެވޭ މަސައްކަތްތަކަށް ކުންފުނީގެ އަމާޒު ބައްޓަންކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީ މިހާރު ހިންގަމުންދަނީ ޒަމާނީ، ޑޭޓާއަށް ބިނާކޮށް އަދި ސްޓްރެޓެޖިކް ފަތުރުވެރިކަމުގެ ބޯޑެއްގެ ގޮތުގައިކަން ޗެއަރޕާސަން ޢަބްދުﷲ ޣިޔާސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން މައިގަނޑު މާކެޓުތަކުގައި ވަރުގަދަ ކުރިއެރުންތަކެއް ހާސިލުވެފައިވާކަން ރިޕޯޓުކުރައްވަމުން، ކުރިން %39އަށް ދަށްވެފައިވާ އިންޑިއާ މާކެޓަށް މިހާރު %4ގެ ކުރިއެރުމެއް ލިބިފައިވާކަމަށާއި، ވިލާތާއި އޭޝިއާއިން ދިވެހިރާއްޖެ ގޫގުލްގައި ކުރާ ސާރޗްތައް 1000% އަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖެ މިހާރު ވަނީ ހަމައެކަނި ދުނިޔޭގެ ދަތުރުފަތުރުގެ ޗާޓުގައި ހިމެނިފައެއް ނޫނެވެ - އަޅުގަނޑުމެން މިތިބީ އެންމެ ކުރީ ސަފުގައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަސް އިތުރަށް އަސަރުފޯރުވަނިވި ގޮތެއްގައި ފާހަގަކުރެވޭނެއެވެ. އައު ޕާޓްނަރޝިޕްތަކާއި ވިސްނުންތެރި ކެމްޕޭންތައް މިހާރުވެސް ވަނީ ފެށިފައެވެ،" ޣިޔާސް ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ ދުވެލި ބާރުކުރުމަށާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް މާލީ އެހީތެރިކަންދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސަރަޙައްދަށް ބަލާއިރު، ރާއްޖެއާއި ވާދަވެރިން މީހުންގެ މަންޒިލްތައް ޕްރޮމޯޓްކުރުމަށް މާބޮޑަށްވެސް އިތުރު ބަޖެޓުތައް ކަނޑައަޅަމުންދާކަމަށް ޣިޔާސް ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ޚަރަދުކުރަނީ އަޅުގަނޑުމެންގެ މައިގަނޑު ވާދަވެރިންގެ ތެރެއިން އެންމެ މަދު މިންވަރުކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި، ރާއްޖޭގެ ވާދަވެރިން މަންޒިލް މާކެޓްކުރުމަށް ޚަރަދުކުރާ މިންވަރަށް ރާއްޖެއިން ޚަރަދުކޮށްފައި ނުވާކަމަށް އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ވިދާޅުވިއެވެ.