4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ފްލެޓް ލިބޭ މީހުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހޯމަދުވަހު ފަށާނެކަމަށް ފަހި ދިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ. ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން، ފްލެޓް ލިބޭކަން ކަށަވަރުކުރަމުންދާ މީހުންގެ ލިސްޓަށެވެ.
އެގޮތުން، އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްގެންދާނީ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމުގެ ގަޑިތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުގައިކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ. މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެއެވެ.
އެފްޑީސީން ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށެވެ. ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާންޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އަންގަމުންދާނެއެވެ.
1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެފްޑީސީން ވިދާޅުވީ 4000 ހައުސިންގ ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ.
4000 ހައުސިންގ ޔުނިޓް ހަވާލުކުރަނީ، 2023ވަނަ އަހަރު ނޮވެމްބަރު 15ވަނަ ދުވަހު ނެރުނު ލިސްޓްގައިވާ މަޢުލޫމާތު އަލުން ވެރިފައިކުރުމަށްފަހު، އެކަމަށް އެންމެ ޙައްގުވެރި ފަރާތްތައްތޯ ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށްފަހުއެވެ. އެގޮތުން އޭސީސީން އެ ލިސްޓްރުގެ މައްސަލަ ބަލާފައިވާއިރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޚާއްސަ ކޮމިޓީއެއް އެކުލަވާލާ އެމައްސަލަ ބަލާފައިވެއެވެ.
އެ 4000 މީހުންގެ ލިސްޓް ރިވިއުކުރުމަށްފަހު، ޝަރުތު ހަމަވާ މީހުންނާ ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ނެރެފަވެއެވެ.
ޝަރުތު ހަމަނުވާމީހުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދިނުމަށްފަހު، އެ ޝަކުވާތަކަށް ބަލާ މިހާރު ދަނީ ފްލެޓް ލިބޭ ދާއިމީ މީހުން ކަނޑައަޅަމުންނެވެ. ފްލެޓް ލިބޭ މީހުންނަށް އެކަން ކަށަވަރުކޮށް، އަންނަގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ.