ޚަބަރު

އިންޑިއާ ސަފީރު، ނައިބު ރައީސް އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


  • ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކާއި މެދު މަޝްވަރާކުރެއްވި

  • ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އިންޑިއާގެ ސަފީރު ވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ޤައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށާއި، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެ ޤައުމުގެ ގުޅުމުގެ ބިންގާކަމުގައި ވިދާޅުވެފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިޙުތިރާމާއެކު، ދެފަރާތަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުޢާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި މި ވަނީ، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.