ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތިތައް ދިމާނުވާނެގޮތަށް މިއަހަރާއި އަންނަ އަހަރު ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގައި ވަރަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާކަމަށެވެ.
އެގޮތުން އެއް ވަޢުދަކީ ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފެށުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ޚިދުމަތް މިހާރު ފެށިފައިވާއިރު، އެ ޚިދުމަތް ރައްޔިތުންނާއި ސްކޫލް ކުދިން އެދޭގޮތަށް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެ ޚިދުމަތް 2 ބަހުން ފެށިނަމަވެސް ކުރިއަށް އޮތްތަނުގައި ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމް މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ނިމޭނެކަމަށެވެ. އަދި ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުކުރުމަށް ހުއްދަ ދެއްވާފައިވާކަމަށާއި، އިތުރަށްވެސް ޚިދުމަތް ފުޅާކުރުމަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވަލައްވަމުން ރައީސް ވިދާޅުވީ ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކޮށް، ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް އެރަށުގައި ޤާއިމްކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން ނުނިމިއޮތް ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްފައިވާކަމަށާއި، ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢުވެސް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ ނިމިފައިވާތީ މާ ލަސްތަކެއްނުވެ ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެންމެ މުހިންމު އެއްކަމެއް އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް. އެކަމުގައި އަޅުގަނޑު ތިބޭފުޅުންނާއެކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކީ އަދި މެންބަރާއެކީ މަސައްކަތް ކުރެވެމުންދަނީ. ޖުމްލަކޮށް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމަށް މަސައްކަތްކުރަމުންދަނީ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކެނދިކުޅުދޫ "މެންގްރޫވް އައިލެންޑު" ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހަމިއްޔަތަށް އިޖާބަދީ، ރައްޔިތުން އެދޭގޮތަށް އިކޯ ޓޫރިޒަމް ފަށައި ފުޅަކުރުމަށް ގޮތްތަކެއް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިރަށުގެ ރައްޔިތުން އެދޭގޮތަށް ރަނގަޅު މަގެއް ހޯދައިދޭނަން. ދެންވެސްހުރި ތަރައްޤީގެ މަޝްރޫއުތައް މިއަހަރު ތެރޭގައި އަދި އަންނަ އަހަރ ތާވަލުކޯށްފައިވާ ކަންކަން ކުރިއަށްގެންދާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް މިއަހަރާއި އަންނަ އަހަރު ފުއްދައިދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަހަރު ގިނަ ރަށްރަށުގައި ކުރިއަށް އޮތް ފަސް މަސް ދުވަސްތެރޭގައި ގިނަ މަޝްރޫޢުތައް ފެށޭނެކަމަށާއި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢު ފެށި ދެ އަހަރު ތެރޭގައި ހުރިހާ ވަޢުދެއް ފުއްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދަރަނި ދެއްކުމުގައި ދަތިތައް ދިމާނުވާނެގޮތަށް ހުރިހާ ވަޢުދެއް ފުއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.