ދިވެހި މީޑިއާގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުވެ، އަންހެނުންގެ އިސްނެގުމާއެކު ދިވެހި މީޑިއާއަށް އިތުރު ކުރިއެރުން ލިބެމިންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ، ސަރަޙައްދީ މީޑިއާގެ އެންމެ ބޮޑު ބައްދަލުވުން، 20 ވަނަ އޭޝިއާ މީޑިއާ ސަމިޓުގައި، އޭޝިޔާ ސަރަހައްދުގެ މީޑިއާ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދިޔަ ޕްލިނަރީ ސެޝަނެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މީޑިއާގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕެނަލްގެ މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކަމަށާއި، މީޑިއާ ހިންގުމާއި ވިލަރެސްކުރުމުގެ ދާއިރާގައި ނިސްބަތުން އަންހެނުން ގިނަކަމަށެވެ. އެގޮތުން ޕީއެސްއެމްގެ ޗެއަރޕާސަން އާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަކީ އަންހެން ބޭފުޅުންކަމަށާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގައިވެސް އަންހެނުންގެ ހިއްސާ ބޮޑުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސިވިލް ސަރވިސްގެ މަތީ ފަންތީގެ މާޤާމުތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގައިވެސް އަންހެނުންގެ ދަނީ މުހިއްމު ދައުރެއް އަދާ ކުރަމުންކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ މިޝަންތަކަށް ބަލާލާއިރު، 7 އަންހެން ސަފީރުން ތިބިކަމާއި ލޯކަލް ކައުންސިލްތަކުގައި ވެސް މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވޭނޭ ފަދައިން އިންތިޒާމުކުރެވިފައިވާކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
ހައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުންނާއި ހަމައަށް ލަސްނުކޮށް، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި މީޑިއާއިން ކުރި މަސައްކަތްތައް ހީނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދޮގު ޚަބަރާއި މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ ބެހޭގޮތުންވެސް މި ސެޝަންގައި ތަރުޖަމާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށްވުމާއެކު، ހަލުވި ދުވެއްޔެއްގައި ދޮގު ޚަބަރާއި މައުލޫމާތު ފެތުރިގެންދާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ދޮގު ޚަބަރާއި މަޢުލޫމަތު އަދި މީޑިއާގެ އަޙްލާޤީ މިންގަޑާއި ހިލާފް ކޮންޓެންޓު މޮނީޓަރކޮށް ބެހެލެހެއްޓުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އަދާކުރާ ދައުރު، ތަރުޖަމާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި އެ ކަމަނާ ވަނީ، ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތެއްގައި ވެރިކަން ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 23 ފެބުރުއަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހުކުރެއްވި ސިޓިޒަންސް ވޮއިސް ޕޯޓަލް އާއި ސަރުކާރުގެ އިސްވެރިންނާ ސުވާލުކުރެވޭ ގޮތައް ސިލްސިލާކޮށް ކުރިއަށް ގެންދާ "އަހާ" ފޯރަމް، އެކަމަނާ ފާހަގަކުރެއްވިއެވެ.