މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަޙައްދަކުން، އެއްގަމު އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
ވެހިކަލް ނެގުމަށް އަންގާފަވާ ސަރަޙައްދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއިން ފެށިގެން ލޯކަލް މަރުކޭޓާ ހިސާބަށް ޕާކުކޮށްފަވާ ވެހިކަލްތައް ނަގަން ވަނީ އަންގާފައެވެ. އަދި އަމީރު އަޙުމަދު މަގާ، މެދުޒިޔާރަތް މަގާ، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތައްވެސް ހިމެނެއެވެ. މީގެއިތުރުން ޗާންދަނީ މަގާ ލިލީ މަގުން ބައެއްވެސް ވަނީ ހިމަނާފައެވެ.
ވެހިކަލްތައް ނެގުމަށް އަންގާފަވާ ސަރަޙައްދުތަކުގެ ޗާޓު، ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ އާއްމުކޮށްފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން.
— Maldives Police (@PoliceMv) July 23, 2025
1/3 pic.twitter.com/inhYkGWbWH
ފުލުހުން ވިދާޅުވީ އެ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާގެ 18:00 ގެ ކުރިން ނެގުމަށް އެދޭކަމަށެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގާ ހުންނަ އުޅަނދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށާއި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި މަގުތަކުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ހިންގާ ގިނަ ހަރަކާތްތައްވެސް ހިމެނެއެވެ.