ޚަބަރު

ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީއެއް


  • ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވީ ވަޒީރު ޢަލީ އިޙްސާން

  • މިފެސިލިޓީގައި ތިބޭ ކުދިންނަށް، ކިޔެވުމުގެ ފުރުޞަތު އޮންނާނެ

ކ.ހިންމަފުށީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި އަލަށް ޤާޢިމްކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފިއެވެ.

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ޤާޢިމްކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށް ބޭޢްވި ޚާއްސަ ރަސްމިއްޔާތުގައި، މި ފެސިލިޓީ ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޛުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދު މީހުން އެފަރާތްތަކުގެ ޢާޢިލާ ތަކާ ބައްދަލުކުރުމަށް ޚާއްސަކޮށް ތަރައްޤީކޮށްފައިވާ "ޢާއިލީ ހިޔާ" އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ "ހިރުނދު ހިޔާ" ވަނީ ހުޅުވައި ދެއްވާފައެވެ.

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އަކީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ.

ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ޚާއްސަކޮށް ޤާއިމްކުރި "ޖުވެނައިލް ޑިޓެންޝަން ސެންޓަރު" 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް ހުޅުވައިވަނީ ހިންގަން ފަށާފައެވެ.

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް، ޢުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ހަމައެއާއެކު، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އާއި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި، ކުދިންނަށް ލައިފް ސްކިލްސް ކިޔަވައިދެވޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކޮމިޝަންޑް އޮފިސަރުންނާއި ޖަލު އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުﷲ ވަހީދުވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.