ޚަބަރު

ތިލަފުށިން އިތުރު ކެމިކަލް ގުދަން ދޫކުރުމަށް އެޗްޑީސީން ހުޅުވާލައިފި


  • މިފަހަރު 16 ގުދަން ދޫކުރުމަށް ވަނީ ނިންމާފައި

  • މިއީ ރައްކާތެރި، ޒަމާނީ ވަސީލަތައެކު ތަރައްޤީކޮށްފައިވާ ގުދަންތަކެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތިލަފުށީގައި ތަރައްޤީކުރި ކެމިކަލް ގުދަންތައް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފަށާފަވަނީ، އާއްމުން ދިރިއުޅޭ ތަނެއްގައި ހަދާފައިވާ ކެމިކަލް ގުދަނެއްގައި 2019 ވަނަ އަހަރުގެ އޮކްޓުމަރު މަހުގެތެރޭގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެންނެވެ.

އެޗްޑީސީން ކެމިކަލް ގުދަން ކުއްޔަށް ދިނުމަށްޓަކާ ދެ އިމާރާތެއް ވަނީ ތަރައްޤީކޮށްފައެވެ. މި ދެ އިމާރާތުން 16 ގުދަނެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 990 އަކަފޫޓުން މަތީގެ 14 ގުދަން ހިމެނެއެވެ. މިކަމުގެ ބީލަން ހުށައެޅުން އޮންނާނީ އޮގަސްޓްމަހުގެ 20ވަނަ ދުވަހުއެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ، ކެމިކަލް ގުދަނެއްގައި ރޯވެ 2019ވަނަ ހިނގި ނުރައްކާތެރި ޙާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާގައި 31 އާއިލާއަކަށް ގެއްލުންވިއިރު، އެކަކު ނިޔާވިއެވެ.

އެޗްޑީސީން ވިދާޅުވީ އަލަށް ތަރައްޤީކުރި ގުދަންތަކަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފަވާ ތަންތަންކަމަށެވެ. ގުދަންތައް ތަރައްޤީކޮށްފައިވަނީ 90 މިނެޓުވަންދެން އަލިފާން ނުހިފާ ހުންނަ ފަދަ ޕާޓިޝަން އަދި ސްޓްރަކްޗަރ ނުވަތަ ފަޔަރ-ރޭޓެޑް ސްޓްރަކްޗަރ ބޭނުންކޮށްގެންނެވެ. އަދި އަލިފާން ނިއްވާ ނިޒާމުތަކާއި، ސީސީޓީވީ ކެމެރާ ސިއްޓަމްތަކާއި، ސެކިއުރިޓީ ރޫމްގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ޚާއްސަ ނިޒާމާއި އެނޫންވެސް މުހިންމު ޚިދުމަތްތައް އެތަނުގައި ޤާއިމުވެފައި ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ހުސްކުރުމަށް ކުރަމުންދާ މަސައްކަތް 2019 ވަނަ އަހަރު ފެށިއިރު އޭރު، މާލޭގައި 120 އަށްވުރެ ގިނަ ކެމިކަލް ގުދަން ހުރިކަން ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. މިގޮތުން އެތަންތަނުގެ ރައްކާތެރިކަން ހުރި ނެތްގޮތް ބެލުމަށް އެމްއެންޑީއެފުން އެކިފަހަރުމަތިން އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. މިހާރު ތަރައްޤީކުރަމުންދާ ގުދަންތަކާއެކު މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 54 ކެމިކަލް ގުދަން ތިލަފުއްޓަށް ބަދަލުކުރެވޭނެއެވެ. މީގެ ކުރިން ހިންގި ފުރަތަމަ ބުރުގައި 34 ގުދަން ދޫކޮށްފައިވެއެވެ.