ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލަށް 10 ފަންްގިފިލާގެ އިމާރާތެއް އިތުރުކުރަނީ، އިތުރު 250 އެނދާއި ޕްރައިވެޓު ރޫމް


  • އައު އިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމްތައްވެސް ހުންނާނެ

  • މިއަހަރު 28 އެނދުގެ ވޯޑް ތަރައްޤީކުރާނެ

ހުޅުމާލެ ހޮސްޕިޓަލްއަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރުމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ވަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންދާ 4 ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެއީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލެވެ. މިއީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލްތަކެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ މާލޭގެ 4 ހޮސްޕިޓަލްގެ ތަރައްޤީއަށް މުހިންމު މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ހުޅުމާލެ ހޮސްޕިޓަލްގައި ހުސްކޮށް އޮތް ބިމުގައި އައު އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް ޕްލޭނިން ސްޓޭޖްގައި އޮތްކަން ފަހަގަކުރައްވަމުން ސީއީއޯ ވަނީ، ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް މާލީ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތަކީ 10 ފަންގިފިލާގެ އިމާރާތެކެވެ. އެ އިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނަކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.


އެންމެ ގިނަ ރައްޔިތުން ބަރޯސާވާ ހޮސްޕިޓަލަކީ އައިޖީއެމްއެޗްއެވެ. އެ ހޮސްޕިޓަލްގެ ތަރައްޤީއަށްވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ ޢަދަދު އިތުރުކޮށްފައިވާއިރު ކުރިން ހުރި ވޯޑްތައް އަޕްގްރޭޑް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ހުރި ވޯޑްތައް އެސީކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލްގައި އައު ޚިދުމަތްތައް ފެށުމަށްވެސް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ޚިދުމަތްތައް އިތުރުކުރުމަށްޓަކައި ކާޑިއޯއޮތިރިކްސް ސާރޖަރީގެ ޚިދުމަތް ފެށުމަށްވެސް މިދަނީ ކުރަމުން. އިންޓަވެންޝަނަލް ރޭޑިއޯގެ ޚިދުމަތް ފަށާނަން. މިހެން ގޮސް ވަރަށް ބައިވަރު ޚިދުމަތް އެބަހުރި ކުރަން." މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ސީއީއޯ ވަނީ ވިލިމާލޭގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ވިލިމާލޭގައި ތަރައްޤީ ކުރާ 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ޚިދުމަތް ދެމުންދާ ހޮސްޕިޓަލްގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އައު ހޮސްޕިޓަލް އަޅާ ބިން ސާފުކުރުމަށްފަހު އިމާރާތުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރާނެކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގް ޙަލީމް ވިދާޅުވިއެވެ.

ވިލިމާލޭ ހޮސްޕިޓަލު ތަރައްޤީކުރުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލައި، އެތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ވިދާޅުވެފައެވެ.