އަލަށް އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވައިދު"ގެ ދަށުން ލައިސަންސްއަށް އެދި ހުށައެޅުމަށް އެމްއެމްއޭއިން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދެވޭނީ އަލުން ރަޖިސްޓްރީކޮށްގެންނެވެ.
އެމްއެމްއޭއިން ވިދާޅުވީ ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށެވެ. މީގެތެރޭގައި ޓިއާ 1 ލައިސަންސް 29 ފަރާތަކަށް އަދި ޓިއާ 2 ގެ ލައިސަންސް 5 ފަރާތަކަށް ދޫކޮށްފައިވާކަމަށެވެ.
ޓިއާ1 ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރަނީ ބޭރުފައިސާ ގަނެ ވިއްކުމަށް ދޫކުރާ ލައިސަންސެވެ. ޓިއާ2 ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރުފައިސާ ވިއްކަން ދެވޭ ލައިސަންސެކެވެ.
މަނީ ޗޭންޖިން ގަވާއިދުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދީފައިވީނަމަވެސް މި 34 ފަރާތް ހިމަނަގައިގެން ޖުމްލަ 62 ފަރާތަކަށް އެމްއެމްއޭއިން ވަނީ ލައިސަންސް ދޫކޮށްފައެވެ. މީގެތެރޭގައި ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެތެރެއިން، ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ 28 ފަރާތެއް ހިމެނެއެވެ.
އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.