ޚަބަރު

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި


  • މި ފެސްޓިވަލް އިފްތިތާހްކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު

  • މި ފެސްޓިވަލްގައި މައިގަނޑު 6 ހަރަކާތެއް ހިމެނޭ

ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސް އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތަޢާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރުން، އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢު ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުމެވެ.

އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ތަޢުލިމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މި ފެސްޓިވަލްގައި މައިގަނޑު 6 ހަރަކާތެއް ހިމެނޭ

1.ފިންލިޓް ޗެލެންޖް
2.އިކޮންކުއެސްޓް ބަހުސް މުބާރާތް
3.އިމްޕެކްޓް ޕިޗް ޗެލެންޖް
4.ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް
5.ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް
6.ކުރު ވީޑިއޯ ހެދުމުގެ މުބާރާތް

އެމްއެމްއޭއިން ވިދާޅުވީ މި ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި، އައު އިޖާދީ ވިސްނުމާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން، ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދެވޭނެކަމަށެވެ.

ފައިނޭންޝަލް ލިޓަރަސީގެ މައިގަނޑު ބައިވެރިންގެ ގޮތުގައި ޒުވާނުން

އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖަކީ ލީގެއްގެ އުސޫލުން ކުރިއަށްގެންދާ ކުއިޒް މުބާރާތެކެވެ. މި މުބާރާތް އަމާޒުކުރެވިފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގައި ފައިސާ ރައްކާކުރުމާއި، ބަޖެޓް ހެދުމާއި، ހަލާލު އިންވެސްޓްކުރުމާއި، ރިސްކް ޙިއްޞާކުރުމާއި، އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މަޢުލޫމާތު ޓެސްޓުކުރެވޭނެއެވެ. މި ޗެލެންޖްގެ މަޤްޞަދަކީ ބައިވެރިންނަށް ޢަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާއެކު، ޝައުޤުވެރިކަމާއެކު ދަސްކުރުމުގެ މާޙައުލެއް ޤާއިމުކުރުމެވެ.
ހަމައެހެންމެ، އިކޮންކުއެސްޓް ބަހުސް މުބާރާތުގައި 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިޤްތިޞާދީ މައްސަލަތަކާ ބެހޭގޮތުން ޢިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި، ވަށައިޖެހޭ މުޖުތަމަޢުއެއް ބިނާކުރުމާއި، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުންތަކާ ހަމައަށް، ޒުވާން ބަހުސްވެރިންނަށް ޤައުމީ އަދި ބައިނަލްއަޤްވަމީ ދުނިޔޭގެ ގޮންޖެހުންތަކަށް އައު ޙައްލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބި، އެމީހުންގެ މަދަނީ ހޭލުންތެރިކަމާއި ވިސްނުން ވަރުގަދަވެގެންދާނެއެވެ.

އިސްލާމީ ފައިނޭންސިންގ ގައި އައު ގޮތްތައް ހޯދުމަށް ހިތްވަރުދިނުން

ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތްކަމުގައިވާ އިމްޕެކްޓް ޕިޗް ޗެލެންޖް ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށް ޝަރީޢާއާ އެއްގޮތްވާ އައު ޙައްލުތައް ހޯދުމަށެވެ. 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި ޗެލެންޖްގައި ތިން މައިގަނޑު ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އެއީ ފައިނޭންޝަލް ލިޓަރަސީ ޓޫލްތައް ތައްޔާރުކުރުމާއި، ޚިދުމަތް ނުލިބޭ މުޖުތަމަޢުތަކަށް އެކުލެވޭ މާލީ ޙައްލުތައް އުފެއްދުމާއި، އަދި ފިންޓެކްގެ ޒަރީޢާއިން އިސްލާމީ ފައިނޭންސްގައި އައު ގޮތްތައް ހޯދުމެވެ.


އެމްއެމްއޭއިން ވިދާޅުވީ ޝޯޓްލިސްޓްކުރެވޭ ބައިވެރިން ނޮވެމްބަރު 15 ވަނަ ދުވަހު އޮންނަ ބޫޓްކޭމްޕެއްގައި ބައިވެރިންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ލިބޭނެކަމަށެވެ. އަދި ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުގެ އިތުރުން، ވިޔަފާރި ފަންޑިންގ، ކާމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު، އަދި ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެމްއެމްއޢިން ވިދާޅުވިއެވެ.

އުފެއްދުންތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދިނުން.

މި ފެސްޓިވަލްގައި އުފެއްދުންތެރި އަދި ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތުގައި، ސްކޫލް ދަރިވަރުންނަށް އެކުދީންގެ ވިސްނުމުގައި މާލީ ދާއިރާއާ ދެތޭރޭ އޮތް ތަސައްވަރު ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސްގައި ޒުވާން ކުރެހުންތެރިންނަށް ހަމަހަމަ މާލީ ނިޒާމެއްގެ މުސްތަޤްބަލެއް ކުރެހުމުގެ ޒަރީޢާއިން ދައްކުވައިދިނުމަށް ފުރުސަތު ހުޅުވާލާފައިވާނެއެވެ.
ޑިޖިޓަލް ދާއިރާގެ ހުނަރުތައް ދެއްކުމަށްޓަކައި ފެސްޓިވަލްގެ ވީޑިއޯ ޗެލެންޖްގައި ބައިވެރިވުމަށްވެސް އެމްއެމްއޭގެ ފިންލިޓް ފެސްޓިވަލްއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މުބާރާތުގެ ބައިވެރިން 15 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ވީޑިއޯތައް ހަދައިގެން ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.

މާލީގޮތުން ހޭލުންތެރި ޤައުމެއް ބިނާކުރުން

އެމްއެމްއޭ އިން ވިދާޅުވީ ތަމްވީލް ފިންލިޓް ފެސްޓްއަކީ އަދުގެ މާލީ މާޙައުލެއްގައި ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދިވެހިންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދިނުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތުގެ ތަޞައްވުރުކަމަށެވެ.. މި ފެސްޓިވަލްގެ މަޤްޞަދަކީ މާލީގޮތުން ޒިންމާދާރު، އަގުހުރި ސިފަތަކެއް ލިބިފައިވާ އައު ޖީލެއް ބިނާކުރުންކަމުގައިވެސް އެމްއެމްއޭއިން ހާމަކުރެއެވެ. މި ފެސްޓިވާލާއި ބެހޭ އެއްމެ ފަހުގެ މައުލޫމާތުތައް މިކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ވެބްސައިޓުންނާއި އަދި އެމްއެމްއޭގެ ސޯޝަލް މީޑިއާ ހެންޑަލްސްތަކުން ފޯރުކޮށްދޭނެކަމަށްވެސް އެއޮތޯރިޓީން ހާމަކުރެއެވެ.