ކެންދޫގައި ބަނދަރު ތަރައްޤީކުރުމަށާއި ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑޮދޮށް ހިމާޔާތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ބ. ކެންދޫ ބަނދަރު ތަރައްގިކުރުމާއި ބިންހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 119.3 މިލިޔަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 9854 ކޮޑި މީޓަރު ވެލި ބަނދަރު އަދި ނެރު ފުންކޮށްގެން ނެގުމާއި 112،016 އަކަ މީޓަރު ސަރަހައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި 10 މޫރިންގ ބޮއި ހަރުކުރުމުގެ އިތުރުން ރޭމްޕް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި ޖެޓީ އެޅުމާއި 62 މީޓަރު ފައިކަށި ޖެހުމާއި 29 މީޓަރު ނެރު ފައިކަށި ޖެހުން 9 ބަނދަރު ބައްތި ޖެހުންވެސް މި މަޝްރޫޢުގައި ހިމެނެއެެވެ. މީގެ އިތުރުން 2 ނެރު ބައްތި ޖެހުމާއި
އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާ ޕޭވްމަންޓް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.