ދުނިޔޭގެ މަޝްހޫރު ކުންފުނި ޔަންމާއިން ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށްގެން ތައްޔާރުކުރި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޓެސްކުރުމަށް މިމަހު ފުރަތަމަ ދޯނީގައި އެޅުމަށް ހަމަޖެހިއްޖެއެވެ. މި އާރުއެސްޑަބްލިއު ސިސްޓަމް އުފައްދާފައިވަނީ ޔަންމާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެމްޓީސީސީއާއި ޔަންމާ ގުޅިގެންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޑިޕާޓްމަންޓް މެނޭޖަރ އައިޝަތު ފައިހާ ވިދާޅުވީ، އެމްޓީސީސީން ރާއްޖޭގެ ބާޒާރުގައި ޔަންމާގެ އުފެއްދުންތައް ވިއްކާތާ 50 އަހަރު ވެފައިވާކަމަށާއި، މި 50 އަހަރު ތެރޭގައި ޔަންމާއާއެކު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ މާކެޓަށް ބޭނުންވާ އުފެއްދުންތައް ނެރުމަށްކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމަށް އަންނަ ބަދަލުތަކާއި ގުޅިގެން މާކެޓަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ އެއް ޕްރޮޑަކްޓަކީ އާރުއެސްޑަބްލިއު ސިސްޓަމްކަމަށް ވިދާޅުވިއެވެ. މި ސިސްޓަމްގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަމުންދާ ދަތުރާއި ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ފައިހާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން 3 އަހަރު ކުރިން ޔަންމާއާއެކު ވާހަކަދައްކާފައި މަސައްކަތް ފެށީ ރާއްޖޭގެ މާކެޓަށް އާރުއެސްޑަބްލިއުއެއް އުފެއްދުމަށް. ޔަންމާގެ އިންޖިނިއަރުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ގޮސް ރާއްޖެއަށް އާރުއެސްޑަބްލިއު ސިސްޓަމެއް އުފައްދައިގެން އަޅުގަނޑުމެން މާކެޓަށް ލޯންޗްކޮށްފައި މިމަސްތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެންމެ ފުރަތަމަ ދޯނީގައި އެ ސިސްޓަމް އަޅުވައިގެން ޓްރަޔަލް ފަށާނެ. ގާތްގަނޑަކަށް މިބަލަނީ މިމަހުގެ މެދާއި ހަމައަށް އިންސްޓަލޭޝަން ނިމިގެން ޓްރަޔަލް ފެށޭނެކަމަށް. އެހެންކަމަށްވަންޏާ އަޅުގަނޑުމެންގެ މި ޓްރަޔަލް ފުރިހަމަކަމާއިއެކު ނިމިގެން ދިއުމަށްފަހު މާކެޓްގައި ކަސްޓަމަރުންނަށް މި ޕްރޮޑަކްޓް އެވެއިލަބަލްވާނެ." ފައިހާ ވިދާޅުވިއެވެ.
އެމްޓީސީސީން އެންމެ ފުރަތަމަ މިޓެސްޓް ޓްރަޔަލް ކުރިއަށްގެންދާނީ ގދ. މަޑަވެލި ކަމަނަ ދޯނީގައެވެ. އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ހުސައިން ޝާޒް ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި މި އާރުއެސްޑަބްލިއު ސިސްޓަމްތައް މަރާމާތުކުރުމުގެ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާނީ ދިވެހި އިންޖިނިއަރުންކަމަށެވެ.
"ދިވެހިންގެ އެކްސްޕަޓީސް އިތުރުކުރުމުގެ ގޮތުން މިހާރުވެސް އެމްޓީސީސީގެ އިންޖީނިއަރސްދަނީ ޓްރެއިން ކުރަމުން. ނިމިގެންދާއިރު މި އާރުއެސްޑަބްލިއު ސިސްޓަމްތައްވެސް ރިޕެއަރކުރާނީ ދިވެހި ޒުވާން އިންޖިނިއަރުން. އެވެސް ހަމަ ވަރަށް ފަޚުރުވެރިކަމާއިއެކު އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާކަމެއް. ނިމިގެންދާއިރު ރާއްޖެއަށް ދިވެހިންނަށް އަނެއްކާވެސް ގެއިންވެގެންދާނީ އިތުރު ނޮލެޖެއް." ހުސައިން ޝާޒް ވިދާޅުވިއެވެ.
މިއާރުއެސްޑަބްލިއު ސިސްޓަމްގެ އެންމެ ބޮޑު ތަފާތަކީ މިއީ ހަމަ ސީދާ ރާއްޖެއަށް ފޯކަސް ކުރެވިގެން ތައްޔާރުކޮށްފައިވާ ސިސްޓަމަކަށްވުމެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކާއި އުޅަނދުތަކާއި ގުޅޭނީ ކިހިނެތްތޯއާއި، ކޮން ސައިޒެއްތޯ ބަލާ ދިރާސާކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.