ޚަބަރު

ވީއައިއޭގައި ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ކުރިއަށްގެންދާ ހަރަކާތް 3 އަހަރަށް ފަހު ބާއްވަނީ


  • މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތް

  • އެންމެ ފަހުން މި ހަރަކާތް ބޭއްވީ 2022ވަނަ އަހަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް, ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ޚާއްސަ ހަރަކާތް އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް(އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 8ވަނަ ދުވަހުކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

މި ހަރަކާތުގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.