ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް އެކުލަވާލެވޭ ޚާއްސަ ޤާނޫނާއެެކު މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭފަދަ ރަނގަޅު ހަރުދަނާ ޒަކާތުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު މިހެން ވިދާޅުވީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތާރީޚީ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ، ރާއްޖެއަށް އެކި ދާއިރާތަކުން އައި އިސްލާހީ ބަދަލުތަކުގެ ތެރެއިންވެސް ސިޔާސީ ގޮތޮން ރޯޅިއެއް ނުވަތަ ލޮޅުމެއް ނައިސްއޮތް ހަމައެކަނި ދާއިރާއަކީ ޒަކާތުގެ ދާއިރާކަމަށެވެ.
ޒަކާތު ހައުސްގެ ނަމުގައި ޒަކާތުގެ ކަންކަން ކުރިއަށްގެންދިޔުމަށް ވަކި އިދާރާއެއް އުފައްދަވައި މިއަދު މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ޒަކާތު ހައުސްގެ މަސައްކަތްތައް ޒަމާނާއެއްގޮތަށް އިތުރަށް ވަރުގަދަވަމުންދާކަމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމުގަ ވަރަށް ފުރިހަމައަށް މިކަން ތަރުތީބުކޮށް މިކަން އިންތިޒާމުކޮށް މިކަން ކުރިއެރުވޭނެ ހުރިހާ ވަސީލަތްތަކެއް މިއަދު އެބަހުރި. ރާއްޖޭގަ އެބަހުރި އެ ވިސްނުން އެބްހުރި، އެ ތަސައްވަރު އެބަހުރި އެކަމަށް ތާއިދުކުރާނެ ސަރުކާރެއް އެބައޮތް. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގަ މިހުރިހާ އަސާސްތައް އެބަ ފުރިހަމަވޭ މިނިޒާމު ތަރައްޤީކުރުމަށް" ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވިއެވެ.
ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް މިމަހުގެ 11 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތުގެ ޤާނޫނު އެކުލަވާލުމުގެ ބިލާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު. ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވީ، މިހާރުވެސް ދިވެހިރާއްޖޭގަ ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑިކަމަށެވެ.
އާސަންދައާއި އެނޫންވެސް ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިންވެސް ޚަރަދު ނުކުރެވޭ ފަރާތްކަށް މުހިއްމު ޚަރަދުތަކެއް ޒަކާތު ފަންޑުން ކޮށްދެއްވާކަމަށާއި، އޭގެތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓު ކުރުމާއި، ލިވާ ޓްރާންސްޕްލާންޓަށް އަދި ބޯންމެރޯ ޓްރާންސްޕްލާންޓުފަދަ ކަންކަމަށް މިލިޔަނުން ޚަރަދުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެނޫނަސް ފުދުންތެރިކަން ނެތް އެތައް ބަޔަކަށް ޒަކާތު ފަންޑުން އެހީތެރިވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިސްލާމީ ދުނިޔޭގެ މިއަދުގެ ތަސައްވުރަކީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުންކަމަށްވާއިރު، ޒަމާނާ ގުޅޭގޮތަށް، ޒަކާތުގެ އިދާރާތައް ތަރައްޤީކުރަމުންދާކަމަށާއި ދުނިޔޭގެ އެންމެ ފުރިހަމަ ޒަކާތުގެ ނިޒާމެއް އޮންނަ އިސްލާމީ ޤައުމުތަކާ އެއްގޮތަށް ރާއްޖޭގައިވެސް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭކަމަށް ވިދާޅުވިއެވެ.
އަދި ޒަކާތުގެ ޤާނޫނު ފާސްވެގެންދިއުމާއެކު ކުރެވޭ މަސައްކަތުން މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭފަދަ ހަރުދަނާ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް މަސައްކަތްކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ރަނަގޅު ޒަކާތުގެ ހަރުދަނާ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމްވުން. އިރާދަކުރެއްވިއްޔާ ޒަކާތުގެ ބިލް ފާސްވެ، ޤާނޫނީ ތަރަހައިގެ ތެރެއިން މިކަންކަން ފުރިހަމަވެގެންދާނެ" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަހަރު ޒަކާތު ސްކޮލަރޝިޕް މިދެނީ އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް ޙާސިލްކުރުމަށްކަމަށާއި، މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.