ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްކުރަމުން ދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.
#TeamHDC is currently assembling bus stops in Phase II as part of our preparation work to make the area more accessible ahead of residents moving into FDC 4000 Housing Apartments. pic.twitter.com/WACSb9ymMa
— Housing Development Corporation (@hdcmaldives) August 17, 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4،000 ފްލެޓް ހިމެނޭ ޓަަވަރުތައް ކައިރީގައި މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭތީ ބަސް ސްޓޮޕްތައް ގާއިމްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ހިޔާ ޓަވަރުތައް ކައިރީގައާއި ދެވަނަ ފިޔަވަހީގައި ހުރި އެހެން ފްލެޓްތައް ކައިރީގައިވެސް ބަސް ސްޓޮޕްތައް ޤާއިމްކޮށްފައިވެއެވެ.
ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ. މިގޮތުން މިހާތަނަށް 1200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުންތައް ވަނީ ހަދާފައެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.