ކުޅިވަރު ވުޒާރާގައި ވަރަށް ގިނަ ވަސީލަތްތައް ހުރި ނަމަވެސް މިހާތަނަށް ނެތީ އެ ވަސީލަތްތައް މެންޓެއިންކޮން ބެލެހެއްޓޭނެ ފަދަ ގޮތެއް ކަމަށާއި އަލައް ގާއީމު ކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާ އެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އޮގޮތުން މިހާރު އަލަށް ގާއިމު ކުރެވިގެންދާ ސެންޓަރުތަކުގައި ސިވިލް މުވައްޒިފުން ނެގުމުގެ ހުއްދަ މިހާރު ލިބިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަރުކަޒުތަކުން ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ވެގެންދާނެ އެތަންތަނަށް ވިރާނާވިޔަ ނުދީ ބެލެހެއްޓުން ކަމަށެވެ.
އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމު ކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމައް ފަހު ވަޒީރު ރާފިއު ވަނީ ސެންޓަރުތަކުގައި ކުރިއައްދާނެ ހަރަކާތްތަކާއި ގުޅޭގޮތުން ތަފްސީލު ދެއްވާފައެވެ.
"ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަކަކީ ހަމަ އެކަނި ކުޅިވރު ކުޅޭނެ ތަނެއް ނޫން، އެއީ ބޯޑްގޭމްސް ކުޅިވަރު ކުޅުމުގެ އިތުރުން، އެރޮބިކްސް އެކްޓިވިޓީ ހިމެނޭ ތަނެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވުޒާރާއިން ރާވާ ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ވެސް ރެކްރިއޭޝަން ސެންޓަރުތަކުގައި ބޭއްވިގެން ދާނެކަމަށެވެ. ކްލާސް ރޫމް ތަމްރީން ޕޮރޮގްރާމްތައް މި ތަންތަނުގައި ހިންގޭގޮތައް ބޭނުން ކުރެވޭނެ ކަމަށާއި އެހެން ވުޒާރާތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ވެސް ޖާގަ އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ ރެކްރިއޭޝަން ހަރަކާތްތަކައީ ކުޅިވަރު ކުޅުމުގެ އިތުރުން އާއްމު ރައްޔަތުން އެއްބައިވަންތަކޮށް އެކުވެރިކުރާ ތަނެއްގެ ގޮތުގައި މުސްތަގަބަލުގައި ފެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަލަށް ގާއިމުކުރެވިގެންދާ ވަސީލަތްތައް ވެގެންދާނީ ހުރިހާ އުމުރުފުރައަކަށް ހާއްސަ ކުރެވިގެން ހިދުމަތްދޭ ތަންތަން ކަމުގަ ވަޒީރު ވިދާޅުވިއެވެ.
2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރައީސްގެ ވައިދުފުޅާ އެއްގޮތައް މިހާރު ފިޓްނަސް ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިތުރު 134 ރަށެއްގައި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަކީ މި މަޝްރޫއުގައި އެޅިގެންދާ އެންމެ ބޮޑު ފިޔަވަޅުކަމަށެވެ.
މި މަޝްރޫއު އަކީ ދިވެހިން ރައްޔަތުންނަށް ބޭނުންތެރި މުހިއްމު މަޝްރޫއެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ.
"އޭގެ އެންމެ މުހިންމު ސަބަބަކީ އަޅުގަނޑުމެން ރައްޔަތުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި އަޅުގަނޑުމެން ތިބުމައްޓަކައި، ހެލިފެލިވެ އުޅުމައްޓަކައި ފިޓްނަސް މެއިންޓެއިން ކުރުމައްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެންދާ ރެއެއް." ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ޤާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.
އޭގެ ތެރެއިން ތިން އެފްއާރުސީއެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްއެބަދެއެވެ.
މީގެ އިތުރުން 43 އެފްއާރުސީއެއް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާއިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެކަމަށް ކުޅިވަޒު ވުޒާރާއިން ހާމަކުރައްވައެވެ.