ޚަބަރު

ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ. މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ނޮޅިވަރަމް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން (4 ވައި ގްރޮއިން) ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަންސާސް ދެމިލިއަން ނުވަސަތޭކަ ފަންސާސް ފަސްހާސް އަށްސަތޭކަ ހަތަރު ރުފިޔާ ސޯޅަ ލާރިއަށް 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.